ޚަބަރު

މިލަންދޫގައި ފަކީރާއަކާއި އުދައްޔެއް ބޭނުންކޮށްގެން މީހަކަށް ހަމަލާ ދީފި

ށ. މިލަންދޫގައި ފަކީރާއަކާއި އުދައްޔެއް ބޭނުންކޮށްގެން މީހަކަށް ހަމަލާ ދީފިއެވެ.

މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަހްމަދު ޝިޔާމް "ވަން އޮންލައިން"އަށް ވިދާޅުވީ އެ މާރާމާރީ ހިންގާފައިވަނީ މިއަދު ހަވީރު 4:12 ހާއިރު ކަމަށާއި އެ މާރާމާރީގައި މީހަކަށް ޒަހަމުވެފައިވާ ކަމަށެވެ.

އެ މާރާމާރީގައި ޒަހަމުވި މުހައްމަދު ޝިޔާމް، ށ. މިލަންދޫ، ކެތިހައުސް، ވަން އޮންލައިނަށް މައުލޫމާތުދެމުން ބުނީ ހަމަލާ ދިން މީހާ ފަކީރާއެއް އަދި އުދައްޔެއް ބޭނުންކޮށްގެން ހަމަލާ ދިން ކަމަށެވެ.

"އަޅުގަނޑަށް ހަމަލާ ދިނީ ހަސަން އާތިފް، ށ. މިލަންދޫ، ހޭޒް. އޭނާ މަސައްކަތްކުރަމުންދަނީ ސްކޫލުގެ ސެކިއުޓީ ބެލެހެއްޓުމުގައި. ސްކޫލުގައި ތިން ސެކިއުރިޓީ ބެހެއްޓުމުގެ ބަދަލުގައި ދެ ސެކިއުރިޓީ ބެހެއްޓުމުގެ ކަންތައް ފޭސްބުކް މެދުވެރިކޮށް މީހަކު ހާމަކުރުމުން އޭނާ ހީކުރީ އަޅުގަނޑު ކުރި ކަމެއް ކަމަށް. އެހެން ހީކޮށް، އެކަމާ ހިތްހަމަނުޖެހިގެން އަޅުގަނޑު ގޭ ދޮށަށް އައިސް އޭނާ ހަމަލާ ދިނީ،" މާރާމާރީގައި ޒަހަމުވި ޝިޔާމް ބުންޏެވެ.

ޝިޔާމް ބުނީ ގޭ ދޮށަށް އައިސް ފުރަތަމަ ހަމަލާ ދޭން މަސައްކަތްކުރީ ފަކީރާއަކުން ކަމަށާއި އެވަގުތު ކޮއްޕާލުމުން އަތަށް އަނިޔާތަކެއް ލިބުނު ކަމަށެވެ. އަދި އެ ގޭ އިމާރާތްކުރުމަށް ކޮންޓްރެކްޓަށް ދީފައިވާ މީހުން އާތިފް ހިފެހެއްޓުމުން ފަހުން އަނެއްކާވެސް އައިސް އުދައްޔަކުން ހަމަލާ ދޭން މަސައްކަތްކުރި ކަމަށް ވެސް އޭނާ ބުންޏެވެ.

"ދެ ފަހަރު ވެސް އޭނާ ހިފެހެއްޓީ އަޅުގަނޑު ގޭ ހެދުމަށް ކޮންޓްރެކްޓަށް ދިން މީހުން. ހަމަލާ ދިނުމަށް އާތިފް ބޭނުންކުރި ފަކީރާ އާއި އުދައްޔަކީ ވެސް ގޭގެ މަސައްކަތުގައި އުޅޭ މީހުން ބޭނުންކުރާ ތަކެތި،" އޭނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބަޔާން ނެގުމަށް ގެންދިއުމަށް ފަހު މިހާރު ފުލުހުން ވަނީ ޝިޔާމަށް ހަމަލާ ދިން މީހާ ދޫކޮށްލައިފައެވެ. އެ ހާދިސާއާ ގުޅޭގޮތުން އަދި ފުލުހުންގެ ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ.