ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކުރުމަށް އަލުން ބީލަމަށް ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)142-A1/142/2021/163 އިއުލާނު، މައުލޫމާތު ކަރުދާހަށް ބަދަލުގެނައުމަށް ބާތިލުކޮށް، އެ ފުރުސަތު އަލުން ހުޅުވާލާފައިވާ ކަމަށެވެ.
އެހެންކަމުން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓާކޮށް، މައުލޫމާތު ސާފުކުރުމަށްފަހު މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެއެވެ.
މިނިސްޓްރީން ކުރިން ކުރި އިއުލާނުގައި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 27ގެ ނިޔަލަށެވެ. ނަމަވެސް ބަދަލު ގެނައި އިއުލާނާއެކު ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެ މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރަން އެދިފައިވެއެވެ.
ރަޖިސްޓާ ކުރަން ފޮނުވާ މެއިލްގެ ސަބްޖެކްޓުގައި އިއުލާނު ނަންބަރު، ކުންފުނީގެ ނަން، ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި މެއިލް ފޮނުވާ ފަރާތުގެ ނަން ހިމެނުމަށް ވެސް ވަނީ އެދިފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގެ 11:30 ގައި އެ މިނިސްޓްރީގައި ކަމަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ 16:00 ކުރިން [email protected] އަށް އީމެއިލް ކުރުމަށް ނުވަތަ 3020276، 3020284 ނަންބަރާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ހުންނަ ހަމައެކަނި މިސްކިތަކީ އަމިއްލަ ފަރާތަކުން އިމާރާތްކުރި މިސްކިތެކެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ހުޅުވި "މަސްޖިދު އަމީލް ޖަލީލް" އިމާރާތްކޮށްފައިވަނީ 480 މީހުންނަށް ނަމާދުކުރެވޭ ގޮތަށެވެ. އެ މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭނެ އިންތިޒާމާއި ވުލޫކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. އަދި އެ މިސްކިތުގައި މަލްޓިޕާޕަސް ތިން ސަރަހައްދެއް މަތީ ފަންގިފިލާގައި ގާއިމުކޮށްފައިވާ އިރު، ލައިބްރަރީއަކާއި ކުލާސްރޫމް ހިންގާނެ ޖާގައެއްވެސް ހަމަޖައްސާފައިވެއެވެ.