ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީއަށް 2.1 މިލިޔަން ރުފިޔާ ދައްކަން ކުރި ހުކުމާ އެއްގޮތަށް އެބޭފުޅުންގެ ފަރާތުން އެ ފައިސާ ދައްކަވައިފިއެވެ.
ސިވިލް ކޯޓުން 2017 ވަނަ އަހަރު، ރައީސް މައުމޫންގެ ހަތަރު ބޭފުޅުން ކަމަށްވާ އަހްމަދު ފާރިސް މައުމޫނާއި ދުންޔާ މައުމޫނާއި ޔުމްނާ މައުމޫން އަދި މުހައްމަދު ޣައްސާން މައުމޫންގެ މައްޗަށް ކުރި ހުކުމާ އެއްގޮތަށް އެ ބޭފުޅުންގެ ފަރާތުން ފައިސާ ދައްކަވާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
އިތުބާރު ހުރި ފަރާތަކުން "ވަން އޮންލައިން"އަށް ވިދާޅުވީ އެ ފައިސާ މިހާރު ދައްކާފައިވާ ކަމަށާއި ނަމަވެސް އެ މައްސަލަ އަލުން އިސްތިއުނާފް ކުރުމަށް ހުށަހަޅާނެ ކަމަށެވެ.
މައުމޫންގެ ހަތަރު ބޭފުޅުންގެ މައްޗަށް 2.1 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2017 ގައި ހުކުމްކުރީ އެ ހަތަރު ބޭފުޅުންގެ ނަމުގައި މާލޭގައި އޮތް ބިމެއްގައި ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީން ކުރި އިމާރާތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުންނެވެ.
އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ޣައްސާން ހުށަހެޅުއްވި ނަމަވެސް، ޣައްސާނާއި ފާރިސްއާއި ދުންޔާ އަދި ޔުމްނާ ކޯޓަށް ހާޒިރުނުވުމުން، ކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.
މައުމޫންގެ ބޭފުޅުންގެ ފަރާތުން އެ ފައިސާ ދެއްކުމުން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފާރިސްއާއި ޣައްސާނަށް ވާދަކުރެވޭނެއެވެ. ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީގައި ވަނީ ބަޔާން ކޮށްފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ތާއީދާއެކު ޣައްސާން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ އިރު، ފާރިސް ވާދަކުރައްވާނީ ބައްޕާފުޅު ރައީސް މައުމޫންގެ ތާއީދާއެކުއެވެ.