ޚަބަރު

ސަރުކާރުގެ މަސައްކަތުގައި އެކި ދާއިރާތަކުން ވޯލްޑް ބޭންކް އެހީތެރިވެދޭނެ: ޑރ. އައިޑާ

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގައި އެކި ދާއިރާތަކުން ވޯލްޑް ބޭންކްގެ އެހީތެރިކަން ދެއްވާނެ ކަމަށް، އެ ބޭންކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ ހަރ އެކްސެލަންސީ ޑޮކްޓަރ އައިޑާ ސްވަރަޔީ ރިޑިހައު، ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ކުރެއްވި މަޝްވަރާތަކުގަ އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި އެ ބޭންކަށް ވެވެން އޮތް މިންވަރަކަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ތައްޔާރަށް އޮތްކަން އެކަމަނާ ހާމަކުރެއްވި ކަމަށެވެ.

އެގޮތުން އެކަމަނާ ވަނީ އިއާދަކުރަނިވި ހަކަތައާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަށް އަދި ރައްޔިތުންގެ ފައިސާ ރަނގަޅު ގޮތުގައި ހޭދަކުރާނެ ގޮތްތައް ކަނޑައެޅުމުގައި އެހީތެރިވުމަށް ތައްޔާރަށް އޮތްކަމުގައި ވިދާޅުވެފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވޯލްޑް ބޭންކްގެ ޑިރެކްޓަރ ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުރިމަތިމާ ހުރަސްތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ވޯލްޑް ބެންކުން ވޭތުވެދިޔަ އަހަރުތަކުގައި ދެއްވާފައިވާ އެހީތަކަށް ޝުކުރުއަދާކުރައްވައިފައެވެ.

އަދި އެމަނިކުފާނު ވަނީ ވަރލްޑް ބޭންކްގެ ޑިރެކްޓަރ މިއަދުގެ ބައްދަލުވުމުގައި ދެއްވާފައިވާ ރަނގަޅު ޚިޔާލުފުޅު ތަކަށްވެސް ޝުކުރު އަދާކުރައްވައިފައެވެ.