ދުޅަހެޔޮ ސިއްހަތު

ހިކެން މަސައްކަތްކުރާއިރު ޑައެޓުން ކިރު އުނިކުރުން ބުއްދިވެރިއެއް ނޫން: ދިރާސާ

ކިރަކީ އިންސާނާގެ ހަށިގަނޑަށް ގިނަގުނަ ފައިދާ އާއި ލާބަ ލިއްބައިދޭ މުހިއްމު ބުއިމެކެވެ.

ގިނަބަޔަކު ހިކެން މަސައްކަތްކުރުމުގެ ތެރޭގައި ޑައެޓުން ބޭރުކޮށްލާ ކާބޯތަކެތީގެ ލިސްޓުގައި ކިރު ހިމަނަނީ އޭގައި ގިނަ އަދަދަކަށް ފެޓްސް އެކުލެވިގެންވާތީ ކަމަށް ބުނެއެވެ. 250 މިލިލީޓަރު ކިރު ނުވަތަ އެއް ޖޯޑު ކިރުގައި 5 ގުރާމު ފެޓް، އަދި 152 ސަރުބީ ހިމެނެއެވެ. ނަމަވެސް ކިރަކީ ގިނަ އަދަދެއްގެ ވިޓަމިނުން މުއްސަނދިވެފައިވާ ބުއިމެއްވެސް މެއެވެ. ކެލްސިއަމް، ޒިންކު، މެގްނީޒިއަމް، ވިޓަމިން ބީ12 އަދި ވިޓަމިން ޑީ ކިރުގައި ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ.

ކިރުގައި ގިނަ އަދަދަކަށް ސެޗުރޭޓަޑް ފެޓްސް އަދި ކެލޮރީސް ނުވަތަ ސަރުބީ ހިމެނޭކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. އޭގެ ސަބަބުން ފަލަވުމަށް މަގުފަހިކުރުވާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރަމުން އަންނަ ނަމަވެސް ކިރުގައި އިތުރަށް އެކުލެވިގެންވާ މުއްސަނދި މާއްދާތަކުގެ ސަބަބުން ހިކެން އެހީވެދޭކަން އެނގެނީ މަދު ބަޔަކަށެވެ. ކިރުގައި ރަނގަޅު ކޮލިޓީއެއްގެ ޕުރޮޓީން އެކުލެވިގެންވެއެވެ. ޕުރޮޓީން އަކީ ހަށިގަނޑުގައި ޖަހާ މަސްތައް ވަރުގަދަކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްދޭ މާއްދާއެކެވެ. ކެލްސިއަމް، ޒިންކު، މެގްނީޒިއަމް، ވިޓަމިން ބީ12 އަދި ވިޓަމިން ޑީ ގެ ސަބަބުން މަސްތައް ވަރުގަދަކޮށްދީ ކަށިތައް ވަރުގަދަކޮށްދިނުމުގެ އިތުރުން ހަށިގަނޑުގައި ހަކަތަ އިތުރުކޮށްދެއެވެ. 250 މިލިލީޓަރު ނުވަތަ ޖޯޑެއްގެ ކިރުގައި 8 ގުރާމު ޕުރޮޓީން އަދި 125 ގުރާމު ކެލްސިއަމް އެކުލެވިގެންވެއެވެ. އެހެންކަމުން ޑައެޓުގެ ތެރޭގައި ކިރު ހިމެނުމަކީ މުހިއްމުކަމެއް ކަމަށާއި ނަމަވެސް ބޭނުން ކުރާ މިންވަރު މަދުކުރުން ބުއްދިވެރިކަމުގައި ތަޖުރިބާކާރުން ލަފާދެއެވެ.

މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ޑައެޓް ކުރާ މީހުންގެ ތެރެއިން ޑެއިރީ އެކުލެވިގެންވާ ޑައެޓެއް ގެންގުޅޭ މީހުން ވަނީ ހަށިގަނޑު ބަރުވިޔަ ނުދީ ހިފެހެއްޓުމާއި ބަނޑުލުމުން ދުރުކުރުމުގައި ކާމިޔާބު ހޯދައިފައެވެ. ހަށިގަނޑަށް ލިއްބައިދޭ ކެލްސިއަމްގެ ސަބަބުން ފަލަވުމުންނާއި، ޓައިޕް-2 ހަކުރުބަލި، ހަކަތަ ދަށްކޮށްދޭ ބަލީގެ އިތުރުން ހިތުގެ ބަލިތަކުން ދުރުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރާކަމުގައި ދިރާސާތަކުން ދައްކައެވެ.

އެގޮތުން ހިކެން މަސައްކަތްކުރިނަމަވެސް ކިރު ބުއިމަކީ މުހިއްމު ކަމެއްކަމަށާއި ޑައިރީ އެކުލެވިގެންވާ މާއްދާތައް ޑައެޓުން އުނިކުރުމަކީ ބުއްދިވެރިކަމެއް ނޫންކަމުގައި ތަޖުރިބާކާރުން ބުނެއެވެ. ދުވާލެއްގެ މައްޗަށް އެއް ޖޯޑު ކިރު ބުއިމުގެ އާދަ ގެންގުޅުމުގެ ސަބަބުން ހަށިގަނޑުގައި ވަރު ޖައްސައިދީ، ހިކެން ކުރާ މަސައްކަތަށް އިތުރު ބާރަކަށް ވެގެންދެއެވެ.