ދ. ކުޑަހުވަދޫން ރުއްގަސް ބޭރުކުރަނީ ކައުންސިލުން އެދިގެން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދީފައިވާ ހުއްދައާއެކުގައި ކަމަށް އެ އެޖެންސީން ބުނެފިއެވެ.
ކުޑަހުވަދޫގައި ޖުވެނައިލް ސެންޓަރެއް އެޅުމަށް ހޯމް މިނިސްޓްރީއަށް ދީފައި އޮތް ބިމެއްގައި ހުރި 195 ރުއް ނަގައިގެން އެ ރަށުން ބޭރުކުރަން އުޅެނިކޮށް ރަށުގެ ރައްޔިތުން ނުރުހުން ފާޅުކޮށް މިދިޔަ ހުކުރު ދުވަހު ވަނީ އެ ރުއްތައް ރަށުން ބޭރުކުރުން ހުއްޓުވައިފައެވެ.
މިކަމާ ގުޅިގެން ކުޑަހުވަދޫ ކައުންސިލުގެ ރައީސް އިބްރާހިމް ފިކުރީ މިއަދު "ވަން" އަށް ވިދާޅުވީ، ކުޑަހުވަދޫން ރުއް ބޭރުކުރުން ހުއްޓުވަން މަސައްކަތް ކޮށްފައިނުވާނެ ކަމަށާއި ރުއްތައް ގެންދަނީ ހޯމް މިނިސްޓްރީން އެ ކައުންސިލުގެ ފަރާތުން ހުއްދައަށް އެދުމުން، އެ ކައުންސިލުން ދީފައިވާ ހުއްދައިގެ ދަށުން ކަމަށެވެ. އަދި އެ ރުއްތައް ނެގުމުގެ ކަންތައް ނިންމާފައިވަނީ ކައުންސިލް ހުރިހާ މެމްބަރުންނާ އެސްއެމްޓީ ބައްދަލުވުމެއްގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށާއި މިދިޔަ ކައުންސިލުގެ ދައުރުގައި ރުއްތަކަށް ބަދަލުދީ ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރަށުގައި 50 ރުއް ޖެހުމަށް ކައުންސިލުން އެދުމާއެކު ޕްލޭނެއްވެސް އެކަށައަޅާފައިވާ ކަމަށާއި ނަމަވެސް ލޭންޑް ސްކޭޕްކޮށް ނުހަދައި ރަށުގައި ރުއްތައް ޖެހެން ނެތް ކަމަށެވެ. އަދި ބޭނުން ނުކުރެވޭ ރުއްތަކާއި، ރުއްތައް ނެގުމުގައި އެޅިފައިވާ ކުނިތައް ނައްތާލުމަށްވެސް އެދިފައިވާނެ ކަމަށް ފިކުރީ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް މިއަދު "ވަން" އަށް ވިދާޅުވީ، ކުރިންވެސް ރުއްތައް ނަގާފައިވަނީ ގަވައިދާ ހިލާފަށް ކަމަށްވާ ނަމަ އެކަން ހުއްޓުވާނެ ކަމަށެވެ. އެހެން ނަމަވެސް އެއީ ކައުންސިލުން އެދިގެން އެކަމަށް ހުއްދަ ދީގެން ކޮށްފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ނައީމް ވިދާޅުވީ، ނަގާ ރުއްތަކާ މެދު އަމަލުކުރަން ތިން ގޮތެއް ކައުންސިލަށް އަންގާފައިވާނެ ކަމަށާއި އެއީ އެރަށުގައި 30 އިންސައްތަ ރުއް އިންދާގޮތަށް ޝަރުތުކޮށް، އަނެއް ރުއްތައް ގެންދާގޮތަށް އަދި ބޭނުން ކުރެވެން ނެތް ރުއްތައް ނައްތާލާ ގޮތަށް ކަމަށެވެ. އަދި އެއީ ކޮންމެހެން ނަގަންޖެހޭ ރުއްތަކެއް ކަމަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި އެތަކެތިވެސް ދިރުވައި އާލާކުރަން ޖެހޭ ކަމަށެވެ.
އިއްޔެ އީޕީއޭއިން ދިން ހުއްދައިގައި ބުނެފައި ވަނީ، ޝަރުތުތަކާއެކު ޖުވެނައިލް ސެންޓަރު ބިމުގައި ހުރި 79 ރުކާއި 26 ގަސް ނެގުމަށް އެ އިދާރާއިން އިއުތިރާޒު ނުކުރާ ކަމަށެވެ. އަދި ނަގާ ރުއްގަހުގެ %30 ރަށުގައި އިންދަން ވަނީ މަޖުބޫރުކޮށްފައެވެ. އެ ހުއްދައިގެ ދަށުން ބާކީ ރުއްގަސްތައް ރަށުން ބޭރުކުރުމުގެ ފުރުސަތު ލިބެއެވެ.