އިބްރާހިމް ޒަކީ
ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް، ރާއްޖެ ދޫކޮށް ދިއުމުގެ ކުށުގައި މއ. މާރަނގަ ހަސަން ފައިޒާންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ އަލުން ބެލުމަށް ހައިކޯޓުން އެންގުމާ ގުޅިގެން އެ ދައުވާގެ އަޑުއެހުމެއް އަންނަ ހޯމަ ދުވަހު ބާއްވަން ކުރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
އެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހޯމަ ދުވަހުުގެ 9:30 އަށެވެ.
އެ މައްސަލައަކީ، ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް، 06 ނޮވެމްބަރު 2017 ގައި ފައިޒާން ރާއްޖޭން ފުރައިގެން ތުރުކީއަށް ގޮސް، ތުރުކީގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެގައުމުގެ ސަލާމަތީ ބާރުތަކުން އޭނާ ހައްޔަރުކޮށް ރާއްޖެއަށް އަނބުރާ ފޮނުވާލާފައިވާ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ދައުވާއެކެވެ.
އެ މައްސަލަ ބެލުމަށްފަހު 2018 ވަނަ އަހަރު ކުރިމިނަލް ކޯޓުން އިއްވި ހުކުމްގައި ވަނީ، އެ ދައުވާގެ އިބްތިދާއީ މަރުހަލާގައި ފައިޒާން ދައުވާއަށް އިންކާރު ކޮށްފައިވާތީ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަަޅާފައިވާ ހެކިންގެ ނިސްބަތަށް ބަލާއިރު އެ ދައުވާއަކީ މައުލޫއީގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ޝަރީއަތަށް ނުފެންނަ ކަމަށެވެ.
އެހެންކަމުން އެ ދައުވާ ކުރިއަށްގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ދައުވާ ބާތިލުކުރީ ކަމަށް ހުކުމް ކުރިއެވެ.
ކުރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބަލައި މިއަހަރުގެ ފެބްރުއަރީ 14ގައި ހައިކޯޓުން ކުރި ހުކުމްގައި ވަނީ، އެ މައްސަލައަކީ މައުލޫއީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަމަށް ކުރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލު ކުރާ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލައަކީ ކުރިމިނަލް ކޯޓުން ބަލައި މައްސަލައިގެ މައުލޫއުގެ މައްޗަށް ފައިސަލާ ކުރަނިވި ހުކުމެއް ކުރަން ޖެހޭ މައްސަލައެެއް ކަމުގައި ކަނޑައަޅައި އެ މައްސަލައިގެ މައުލޫއުގެ މައްޗަށް ފައިސަލާ ކުރަނިވި ހުކުމެއް ކުރުމަށްޓަކައި އެ ގަޒިއްޔާ ކުރިމިނަލް ކޯޓަަށް ތަހުވީލުކޮށް ހުކުމްކުރާ ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.