ޚަބަރު

ކުށުގެ ތުހުމަތުން ބަރީއަ ވުމުގެ ހައްގު ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަން ޖެހޭ: ރައީސް ނަޝީދު

އިބްރާހިމް ޒަކީ

2

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ކުށުގެ ތުހުމަތުން ބަރީއަ ވުމުގެ ހައްގު ރައީސް ޔާމީނަށް ލިބިވަޑައިގެންނަވަން ޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ރަނގަޅު ޝަރީއަތެއް ހިންގޭނެ ކަމަށެވެ.

އަދި އެ ޝަރީއަޔް ވެގެންދާނީ ދެފުއް ފެންނަ އިންސާފުވެރި ޝަރީއަތަކަށެވެ. އަދި އެ ޝަރީއަރުގައި ދިފާއު ވުމަށް އެކަށީގެންވާ ވަގުތު ރައީސް ޔާމީނަށް ދެވޭނެ ކަމަށާއި އެއީ ގާނޫނުއަސާސީން ލާޒިމު ކުރާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުށުގެ ތުހުމަތުން ބަރީއަ ވުމުގެ ހައްގު ރައީސް ޔާމީނަށް ލިބިވަޑައިގެންނަވަން ޖެހޭނެ. ރަނގަޅަށް ޝަރީއަތް ހިންގަންޖެހޭނެ. ހަމަ އެއާއެކީގާ އެކަށީގެންވާ ވަގުތު ރައީސް ޔާމީންގެ ދިފާއުގަ ރައީސް ޔާމީނަށް އަޅުގަނޑުމެން ދޭން ޖެހޭނެ. ޝަރީއަތުން ދޭންޖެހޭނެ، ދިވެހި ރާއްޖޭގެ ގާނޫނުއަސާސީ ލާޒިމު ކުރޭ އެހެން ނަމަވެސް މި ޝަރީއަތްކޮށް ނިންމައި ހައްގު އަދަބު މި ވައްކަންކުރި ފަރާތްތަކަށް ދޭން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެމަނިކުފާނަށް ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރެވިފަ އެވެ.

އަދި އެ މައްސަލަ އޭސީސީން ކުރިއަށް ގެންދާއިރު، އެ މައްސަލައާބެހޭ ގޮތުން ރައީސް ޔާމީން ވަނީ ތިން ފަހަރެއްގެ މަތިން ފުލުހަށްވެސް ހާޒިރު ކޮށްފަ އެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހަބުގެ ކުރިން އެ މައްސަލަ ރަނގަޅަށް ތަހުގީގޮށް ނިންމަންވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު، އެ މައްސަލައާ ގުޅޭ އިތުރަށް މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން އޭސީސީން މަޝްވަރާކުރަން ފަށާފައިވާކަމަށް މިއަދު ވަނީ ބުނެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟