ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު، އިބޫއާ ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު މާކް ފީލްޑް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ ބައްދަލުކުރައްވައިފިއެވެ.

އެ ބައްދަލުވުމުގައި ނިމިގެންދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އިބޫ ހޯއްދެވި ކާމިޔާބީއަށް މާކްޑް ފީލްޑް މަރުހަބާ ދެންނެވި ކަމަށާއި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އިންތިހާބީ ރައީސްގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބީ ރައީސްގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އެ ބައްދަލުވުމުގައި މިފެށޭ ރިޔާސީ ދައުރުގައި އިނގިރޭސިވިލާތުން ސަލާމަތީ ހިދުމަތުގެ ދާއިރާއާއި، މުއައްސަސާތަކާއި ޝަރުއީ ދާއިރާ ހަރުދަނާކޮށް އިސްލާހުކުރުމަށާއި އެސެޓް ރިކަވަރީގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ މިނިސްޓަރު މާކް ފީލްޑްގެ އިތުރުން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.