ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އިތުރަށް މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މަޝްވަރާކުރަން ފަށައިފި އެވެ.
އޭސީސީގެ އިންފޮމޭޝަންސް އޮފިސަރު ހަސަން މަނިކު "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގާ ގުޅިގެން އިތުރު މައުލޫމާތު ހިއްސާ ކުރުމާ ގުޅޭގޮތުން ކޮމިޝަންގެ މެންބަރުންގެ މެދުގައި މަޝްވަރާތައް ކުރަން ފަށާފައިވާ ކަމަށެވެ.
"އަދި ނޭނގެ މައުލޫމާތު ހިއްސާކުރާނެ ކަމެއް ނުވަތަ ނުކުރާނެ ކަމެއް. އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަން ފެށީ،" އޭނާ ވިދާޅުވިއެވެ.
ހަސަން މަނިކު ވިދާޅުވީ އެ މައްސަލައިގައި މައުލޫމާތު ހާމަކުރާ ނަމަ އެ ހާމަކުރާނެ ވަރެއްވެސް ނިންމާނީ މަޝްވަރާއަށްފަހު ކަމަށެވެ.
މަޝްވަރާތައް މިހާރު ކުރިއަށްދާއިރު އެ މަސައްކަތް ނިމޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ވަން އެކައުންޓުތަކުގެ ވެރިފަރާތުގެ ނަންތައް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކުރީން ހާމަކުރުމަށް ގޮވާލައި ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވާން މިހާރު ވަނީ ފަށައިފަ އެވެ.