ވަޒީފާއަދާކުރާ ފަރާތްތަކަށްދޭ އެންމެ ކުޑަ އުޖޫރަ (މިނިމަމްވޭޖް) ކަނޑައަޅާއިރު ބޭރުމީހުންނަށް ވެސް އެ އުޖޫރަ ލިބެން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފ.ބިލެތްދޫގައި މިއަދު ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝިދު ވިދާޅުވީ، އެމްޑީޕީގެ "އެޖެންޑާ 19" ގެ ދަށުން ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ކަމަށެވެ.
ނަމަވެސް އޭގެ މާނައަކީ، އެއަށްވުރެ މައްޗަށް މީހަކަށް ނުދިނުން ނޫން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ބޭރު މީހުންނަށް ދިނުމުގެ އެންމެބޮޑު ބޭނުމަކީ އެމީހުން ލައްވައި އަޅުންގެ ގޮތުގައި މަސައްކަތް ކުރުވަމުން ދިއުން ކަމަށެވެ.
"ބޭރުމީހުންނަށް އެ އުޖޫރަ ދިނުމުގެ އެންމެބޮޑު ބޭނުމަކީ، ރާއްޖެއަށް ބޭރުމީހުން ގެނެސްގެން މި މަސައްކަތް ކުރަނީ އިތުރު އެހެން އެއްވެސް ސަބަބެއް އޮވެގެނެއްް ނޫން. އެމީހުން އިންތިހާއަށް އަގުހެޔޮވާތީ. ދިވެހިންނަށްވުރެ މާބޮޑަށް އަގުހެޔޮވަނީ، އެމީހުން ގެންގުޅެނީވެސް މާނިކަމެތިކޮށް، އެމީހުންގެ ދިރިއުޅުމުގެ ކަންތައް ހަމަޖައްސައިފައިވަނީ އެހާ ނުތަނަވަސްކޮށް، އެހެންވީމާ އަޅުން ގެންގުޅުމެކޭ އެއްވަރުގައި އެމީހުން ގެންއުޅެނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންމެކުޑަ އުޖޫރަ ކަނޑައެޅުމަށް ކުރަންޖެހޭ ކަންތައްތައް އިކޮނޮމިކް މިނިސްޓަރު ހަމަޖައްސަވަމުން ގެންދަވާ ކަމަށެވެ.