ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނުރަސްމީ ދަތުރުފުޅެއްގައި އިބޫ މިރޭ ރާއްޖޭން ބޭރަށް ވަޑައިގަންނަވަނީ

ނުރަސްމީ ދަތުރުފުޅެއްގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ، މިރޭ އިބޫ ފުރާވަޑައިގަންނަވާނެ ކަމަށް އިއުލާންކުރެއްވި ނަމަވެސް، އިބޫ ވަޑައިގަންނަވަނީ ކޮންމެ ގައުމަކަށް ކަމެއް މާރިޔާ ވިދާޅުވެފައެއް ނުވެއެވެ.

މާރިޔާ ވިދާޅުވީ ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށްފަހު އިބޫ، އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ ދިހަވަނަ ދުވަހު ކަމަށެވެ.

ނިމިގެންދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާ ވާދަކުރައްވައި އިބޫ ކާމިޔާބީ ހޯއްދެވީ 58 އިންސައްތައިގެ ވޯޓާއެކުއެވެ. އިބޫއަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓެވެ.