އަންހެނުންނަށް ހައްގު ދައުރު އަދާ ކުރުމަށް އަޑު އުފުލާ ހުރިހާ ހަރަކާތަކަށް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުމާއި ސަޕޯޓު ދޭނެކަމަށް މިނިސްޓަރ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޝިދާތާ މިހެން ވިދާޅުވީ ވުމަން އިން މެނޭޖްމަންޓް، (ވިމް)އިން އިންތިޒާމްކޮށްގެން ބާއްވާ "ރަން ވިތް އަސް 2019"ގެ ޕާޓްނަރުންނާއެކީ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. "ރަން ވިތް އަސް 2019" އަކީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ވިމް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮބްސްޓަކަލް ދުވުމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިދާތާ ވަނީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "މުޖްތަމައުގައި އަންހެނުންގެ ހައްގު ދައުރު އެ ކަނބަލުންނަށް ލިބެނީ ހަމަހަމަ ފުރުސަތުތައް ލިބިގެން" ކަމަށް ވާއިރު އަންހެނުންނަށް ހަމަހަމަ ފުރުސަތު ނުލިބޭހާ ހިނދަކު މުޖުތަމައުގައި ބެލެންސެއް ކްރިއޭޓެއް ނުކޮށްދެވޭނެ ކަމަށް ވިދާޅުވެފައެވެ.
މުޖްތަމައުގައި ހުންނަ އެކި ކަންކަމުގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށާއި ފާއިތުވި އަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރާ ގުޅުވައިގެން ވެސް ވިމް އިން އަންހެނުންގެ ދުވަހުގެ ޚާއްސަ ދުވުން އިންތިޒާމްކޮށްފައިވާކަން ފާހަގަކުރައްވައި ޝިދާތާ ވަނީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މި ފަހަރުގެ އަންހެނުންގެ ދުވަހުގެ ދުވުމުގައި މިއަހަރުގެ ޝިއާރު އާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތަކަށް ދުވުމުގެ ކަންކަން އިންތިޒާމް ކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޝިދާތާ ވިދާޅުވީ ޖެންޑާ މިނިސްޓްރީން އިވެންޓް އެންޑޯޒް ކުރީ މިއަހަރުގެ ޝިއާރުން ލިބިދޭ މެސެޖު ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ދެއްވަން ބޭނުންވާތީ ކަމަށެވެ.
މިނިސްޓަރު ޝިދާތާ ވިދާޅުވީ އަންހެނުންގެ ކުރިއެރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ މީހުންގެ ވިސްނުމާއި ފިކުރުގައި ހުރި ހުރަސްތައް ކަމަށާއި އެކަން ނައްތައިލުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ވިމެން އިން މެނޭޖްމަންޓަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ އޯގަނައިޒޭޝަނެކެވެ. ވިމްގެ ދިވެހިރާއްޖޭގެ ޗެޕްޓަރު ހުޅުވީ 2017 ސެޕްޓެމްބަރުގަ އެވެ. ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަންހެނުން އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ވިމް އިން އަންހެނުންގެ ދުވަހަށް އަމާޒުކޮށް ކުރިއަށް ގެންދިއުމަށް އިންތިޒާމްކުރާ މި ދުވުމަކީ ހަމައެކަނި އަންހެން ބައިވެރީންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދާ ދުވުމެކެވެ.