ޚަބަރު

އެހެން ރަށްރަށަށް ބަދަލުވުމުން އެތައް މައްސަލަތަކެއް ނުކުމޭ، ހިޖުރަ ކުރުމަކީ ދިވެހީން ގަބޫލުކުރާ ކަމެއް ނޫން: ޝައުނާ

އިބްރާހިމް ޒަކީ

މޫސުމީ ބަދަލުތަކާ ގުޅިގެން ރަށްރަށް ދިމާވާ މައްސަލަތަކުގެ ސަބަބުން އެހެން ރަށްރަށަށް މީހުން ބަދަލުވުމަކީ އިޖުތިމާއީ އެތައް މައްސަލަތަކެއް ނުކުންނަ ކަމެއް ކަމަށް މިނިސްޓާ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ "ވަން" އޮންލައިންގެ "އެކްސްކްލޫސިވް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ތިމާވެށީގެ މައްސަލަތަކުން ސަލާމަތްވުމަށް ސޭފް އައިލެންޑްގެ ގޮތުގައި ރަށްތަކެއް ކަނޑައެޅުމާ ބެހޭގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ޕޮޕިއުލޭޝަން ކޮންސޮލިޑޭޝަން، އަދި ސޭފްއައިލެންޑް ޕްރޮގްރާމްގެ ވާހަތައް އެކިއެކި ސަރުކާރުތަކުން ދައްކާފައިވާ ކަމަށެވެ. ނަމަވެސް މިހާރުވެސް ރައްޔިތުން އެންމެ ބޮޑަށް އެދެނީ އެމީހެއްގެ ރަށުގައި ދިރިއުޅެވޭނެ ގޮތެއް ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"ދިވެހިން ބޮޑަށް އަދިވެސް އެދެނީ އެމީހެއްގެ ރަށުގައި ދިރިއުޅެވޭނެ ގޮތްތަކެއް ހޯދަން، އެންމެ ފަހު ދުވަހާ ޖެހެންދެންވެސް އަޅުގަނޑުމެން ދިވެހިން ބޭނުން ވަނީ އެ ރަށުގައި އެގޭގައި މައިންބަފައިން އުޅެބޮޑުވި ތަނުގައި ދިރިއުޅެން، އެއީ އެކަން އޮންނަންވެސް ޖެހޭގޮތް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރަށް ދޫކޮށް އެހެން ރަށަކަށް ހިޖުރަ ކުރުމަށް އެއްވެސް ބަޔަކަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އެގޮތަށް ހިޖުރަ ކުރުމުން ދިމާވާ މައްސަލަތައް ވަރަށް ބޮޑު ކަމަށެވެ. އޭގެ ތެރޭގައި އިޖުތިމާއީ ބޮޑެތި މައްސަލަތަކާއި އެހެނިހެން މައްސަލަތައް ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން އެ ބަދަލުވާ މީހުން ދިރިއުޅުމަށް މަގުފަހި ކޮށްދިނުމަށް ޕަބްލިކު ހައުސިން އަޅައި ދިނުމާއި ޔުޓިލިޓީސް ހިދުމަތްތައް ފޯރުކޮށްދިނުމާއި ކުދިންނަށް ތައުލީމީ ފުރުސަތު ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ދިމާވާ މައްސަލަތައް މިިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އޭގެ އިތުރުން ވަޒީފާ އިތުރު ކުރުމުގެ މައްސަލަތައް ވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

"ތަންކޮޅެއް ބޮޑަށް ތޮށި ލައިފައި އޮންނަ ރަށެއް، ބުނެވިދާނެ އެއީ ސޭފް އައިލެންޑެކޭ، އެކަން އެހެން އޮތް ނަމަވެސް ދިމާވާ އިޖުތިމާއީ މައްސަލަތައް ކިހިނެއްތޯ އަޅުގަނޑުމެން ހައްލު ކުރާނީ،" މިނިސްޓަރު ވިދާޅުވިއެވެ.