މި އަހަރު ނިމެން ދެ މަސް ދުވަހަށް ވެފައިވަނިކޮށް އެއް މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވާސިލްވެއްޖެއެވެ.
ރާއްޖެ އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަކީ ފްރާންސުގެ ވިންސެންޓް ވިކްޓޯ ކޮރެންޓިން ޕިޓައުއެވެ. އޭނާ ރާއްޖެ އައީ އަންހެނުންނާއެކުއެވެ. މިއީ އެ ދެމެފިރިން ރާއްޖެ އައި 20 ވަނަ ފަހަރެވެ.
އެއް މިލިއަން ޓޫރިސްޓު މީހާ އައުން ފާހަގަކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި އެއް މިލިއަން ޓޫރިސްޓަށް މަރުހަބާ ކިއީ ސަގާފީ ހަރަކާތްތަކާއެކުއެވެ. އަދި އޭނާއަށް ގިނަ ހަދިޔާތަކާއި ޗުއްޓީ ދަތުރެއް ވަނީ ދީފައެވެ.
ޓޫރިޒަމް މިނިސްޓްރީއާއި ކަމާ ގުޅުން ހުރި ފަރާތްތައް ގުޅިގެން ކޮންމެ އަހަރަކުވެސް އަންނަނީ ރާއްޖެ އަންނަ އެއް މިލިއަން ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ކިޔަމުންނެވެ. ސަރުކާރުގެ މިއަހަރުގެ އަމާޒަކީ އެއް މިލިއަން ފަތުރުވެރިން ގެނައުމެވެ.