ހދ. ކުމުންދޫ ކައުންސިލް މެންބަރުންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.
ކުމުންދޫގެ ކައުންސިލް މެންބަރުންނާ ރައީސް ސޯލިހު ބައްދަލުކުރައްވާފައިވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ. މި ބަައްދަލުވުމުގައި ކުމުންދޫގެ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް ރާއްވަވާފައިވާ މަސައްކަތްތަކުގެ އިތުރުން މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވާ ކަންކަންމުގެ މައުލޫމާތު އަދި ރަށުގެ ކުރިއެރުމަށް ހުރި އެކި ގޮންޖެހުންތަކުގެ ވާހަކަ ރައީސް ސޯލިހަށް އޮޅުންފިލުވައިދެއްވައިފައެވެ.
މިގޮތުން ކުމުންދޫގެ ކައުންސިލުން ވަނީ ރަށުގެ ފެނާއި ނަރުދަމާގެ ހިދުމަތް ނެތުމުން ދިމާވާ އެކި ގޮންޖެހުންތަކާއި ކުނި މެނޭޖް ކުރާނެ ވަކި އުސޫލެއް ކަނޑައެޅިފައި ނެތުމުން ދިމާވާ ގޮންޖެހުންތައް ރައީސް ސޯލިހާއި ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ބަނދަރާ ގުޅިގެން ހުރި އެކި ދަތިތައް ވަނީ ރައީސް ސޯލިހާ ހިއްސާކުރައްވާފައެވެ. މީގެ އިތުރަށް ކައުންސިލް މެމްބަރުން ވަނީ ރަށަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެރަށަށް އިތުރު ޖަނަރޭޓަރެއް ފޯރުކޮށްދިނުމަށާއި، ނެރު ބައްތިއެއް ހޯދައިދިނުމަށް އެދިވަޑައިގެންފައެވެ. މި ބައްދަލުވުމުގައި އެބޭފުޅުން ވަނީ ރައީސް ސޯލިހުގެ އަރިހުގައި ހދ. އަތޮޅުގައި ޓުއަރިޒަމް ތަރައްގީކޮށްދެއްވުމަށާއި ހަނިމާދޫ އެއާޕޯޓު މިހާރަށްވުރެ ތަރައްގީކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ސަރުކާރުގެ މުއައްސަސާތަކާ މިގޮތަށް ބައްދަލުކޮށްލައްވަނީ ރައްޔިތުންގެ އަޑު ވީހާވެސް ގާތުން އަހައި އެކަންކަން ކައިރި މުސްތަގްބަލެއްގައި ފަހިކޮށްދެއްވުމަށްކަމުގައި ވިދާޅުވެފައެވެ. ހަމައެއާއެކު ކުމުންދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.