ޚަބަރު

ފެލިވަރުގައި ކާނާ ވިހަވުމުގެ ސަބަބުން ގިނަ ބަޔަކަށް ފަރުވާ ދެމުންދާ ވާހަކައަކީ ދޮގު ހަބަރެއް: މިފްކޯ

މަރިޔަމް ޝަހުދާ

މިފްކޯގެ ދަޅުމަސް ބަންދުކުރާ ކާރުހާނާ ޅ. ފެލިވަރުގައި ކާނާ ވިހަވުމުގެ ސަބަބުން ގިނަ ބަޔަކަށް ފަރުވާ ދެމުންދާ ވާހަކައަކީ ދޮގު ހަބަރެއް ކަމަށް މިފްކޯ އިން ބުނެފި އެވެ.

މީޑިއާގައި މިފްކޯގައި ކާނާ ވިހަވުމުގެ ސަބަބުން ގިނަ ބަޔަކަށް ފަރުވާދެމުންދާ ވާހަކައަކީ ދޮގު ވާހަކައެއްކަން މިފްކޯއިން ހާމަކޮށްފައިވަނީ އެކުންފުނިން އާންމުކުރި ބަޔާނެއްގައެވެ. އެގޮތުން މިމްކޯއިން މިބަޔާނުގައި ވަނީ ފެލިވަރަކީ މުޅި ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ކާބޯތަކެތި އުފައްދާ ކާރުހާނާ ކަމަށް ވާއިރު، އެތަނުގެ ސާފުތާހިރުކަމަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ބަލަހައްޓަމުން އަންނަ ކަމެއްކަމަށް ބުނެފައެވެ.

އެ ކާރުހާނާގެ މުވައްޒަފަކު ކެއިން ބުއިމަށް ބޭނުންކުރާ އެއްޗަކާއި، އެތަކެތި ތައްޔާރު ކުރުމަށް ބޭނުން ކުރާ ތަކެތި އަދި ކާނާ ތައްޔާރު ކުރުމަށް ބޭނުން ކުރާ ވަސީލަތެއްގެ ސަބަބުން މިފަދަ ކަމެއް ހިނގުމަކީ ނާދިރު ކަމެއް ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.

މިފްކޯއިން ވަނީ މީޑިއާގައި މިހާރު ފެތުރެމުންދާ ހަބަރަކީ ކަމުގެ ފުރިހަމަ މައުލޫމާތު ނުހޯދާ ފަތުރާ ހަބަރެއްކަމަށް ބުނެފައެވެ. މިފްކޯއިން މިގޮތަށް ބަޔާން ނެރެފައިވާއިރު މިއަދު މިނިސްޓްރީ އޮފް ހެލްތުން ވަނީ ފެލިވަރުގައި ކާނާ ވިހަވުމުގެ މައްސަލައެއް ކަމަށް ޝައްކުކުރެވޭ މައްސަލައެއް އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށް ބުނެ ޓުވީޓެއް ކޮށްފައެވެ.