އައްޑޫ ސިޓީގައި ރޭ ހިންގި މާރާމާރީގައި ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
އައްޑޫ ސިޓީ މަރަދޫފޭދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްކޮށްލި ދެ ޒުވާނުންގެ ތެރެއިން ސީރައަސް ޒަހަމްތަކެއް ލިބުނު ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.
ހިތަދޫ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ މާރާމާރީގައި ޒަހަމްތައް ލިބުނު ދެ ޒުވާނުންގެ ތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް އޭނާ މިހާރު މާލެއަށް ފޮނުވާލާފައިވާ ކަމަށެވެ. އޭނާގެ ބޮލަށާއި މޭމައްޗަށް އަދި ބުރަކަށްޓަށް ހަމަލާ ދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ރޭ ހިންގި މާރާމާރީގައި ދެ ޒުވާނަކަށް ހަމަލާދީފައިވަނީ ވަޅިއާއި ކަތިވަޅި އަދި ފުރޯ ފަދަ ތަކެތި ބޭނުންކޮށްގެންނެވެ. އެ މާރާމާރީއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ 17 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ބުނެއެވެ.