ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ދުބާއީގައި މިހާރު ކުރިއަށްދާ އެކްސްޕޯ 2020ގައި ފަލަސްތީނާއި ސައުދީ އަރަބިއްޔާގެ ޕެވިލިއޮނަށް ޒިޔާރަތް ކުރައްވައިފިއެވެ.
ފަލަސްތީނުގެ ޕެވިލިއޮނުން މިއަދު ރައީސްގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވީ އެމްބެސަޑަރު އަލީ އެމް ޔޫނިސްއެވެ. އެމްބެސަޑަރު ޔޫނިސް ވަނީ ރައީސްގެ ދެކަނބަލުންނަށް ފަލަސްތީނާ ބައެއް މައުލޫމާތާއި އެގައުމުން ގެންގުޅޭ ބައެއް ވިސްނުންތައް ހިއްސާ ކުރައްވައިފައެވެ.
ފަލަސްތީނުގެ ޕެވިލިއޮނަށް ޒިޔާރަތް ކުރެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރެއްވީ ސައުދީގެ ޕެވިލިއޮނަށެވެ. އެ ޕެވިލިއޮނަކީ އެކްސްޕޯގެ ދެވަނައަށް އެންމެ ބޮޑު ޕެވިލިއޮނެވެ. އެގޮތުން އެތަނުގެ ބޮޑުމިނުގައި 13،059 މީޓަރު ހުރެއެވެ. ސައުދީގެ ޕެވިލިއޮން ފަރުމާކޮށްފައިވަނީ އެގައުމުގެ ތާރީހު ދައްކުވައިދޭ ގޮތަށެވެ.
ދުބާއީ އެކްސްޕޯގައި ރާއްޖެ ހިމެނޭހެން 192 ގައުމަކުން ބައިވެރިވެއެވެ.