އިބްރާހިމް ޒަކީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި، 86 ކެނޑިޑޭޓުންގެ ފޯމު ތަކުގެ ތެރެއިން 10 ކެނޑިޑޭޓެއްގެ ފޯމެއް ކެންސަލްކޮށް 76 ކެންޑިޑޭޓުންގެ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހުމަދުއަކުރަމް މިއަދު "ވަން އޮންލައިން" އަށް ވިދާޅުވީ، ކޮމިޝަނަށް ބަލައިނުގެން 10 ފޯމަކީ ޑޮކިއުމެންޓްތައް ހަމަނުވާ ފޯމުތައް ކަމަށެވެ.
އަދި އެހެން ފޯމުތައް ބަލައިގަނެ އެކަން އެމްޑީޕީއަށް އަންގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަދި ޑޮކިއުމެންޓްތައް ހަމަކޮށް އެ ދިހަ ފޯމު އަލުން ހުށަހެޅުމުން އެ ފޯމުތައް ބަލައިގަންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ބަލައި ނުގަތީ ޑޮކިއުމެންޓްތައް ހަމަނުވާ 10 ފޯމު، ޑޮކިއުމެންޓްތައް ހަމަކޮށްގެން ހުށަހެޅުމުން އެ ފޯމުތައް ބަލައި ގަންނާނެ، ހަމަ މިމަހުގެ 21 ހުގެ ނިޔަލަށް ފުރުސަތު އޮންނާނެ" އަކުރަމް ވިދާޅުވި އެވެ.
މި ކަމާބެހޭ ގޮތުން އެމްޑީޕީގެ ބަހެއްް ހޯދައިލުމަށް، އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް އާ ގުޅި ނަމަވެސް ފޯނު ނުނަންގަވާތީ އެމްޑީޕީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަކުރަމް ވިދާޅުވީ، މަޖިލިސް އިންތިހާބަށް ކުރިމަތިލާން ވަގުތު އޮތް ނަމަވެސް ހުރިހާ ބޭފުޅުންވެސް ވީ އެންމެ އަވަހަކަށް ފޯމު ހުށަހެޅުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިމަހުގެ 21 ގެ ނިޔަލަށެވެ.