ދޭއް ޕޮއިންޓް އެކެއް މިލިއަން ރުފިޔާ ދެއްކުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފް ކުރަން މައުމޫނުގެ ބޭފުޅުންގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.
މި މައްސަލަ ކޯޓުން ބޭރު ކޮށްލާފައިވަނީ، މި މައްސަލަ ރައްދުވާ، ޣައްސާން މައުމޫނާއި ފާރިސް މައުމޫނާއި ދުންޔާ އަދި ޔުމްނާ މައުމޫނުގެ ފަރާތުން ކޯޓަށް ހާޒިރު ނުވުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލަ އިސްތިއުނާފް ކުރުމަށްޓަކައި ހައިކޯޓަށް ހުށަހެޅީ، ޣައްސާން މައުމޫނުގެ ފަރާތުންނެވެ.
ނަމަވެސް މައްސަލައިގެ ފޯމު ކޯޓުން ބާތިލް ކުރީ، ޣައްސާންގެ ފަރާތުން ބަދަލުގެ ގޮތުގައި ހަމަޖައްސާފައިވާ ފަރާތް އަޑުއެހުމަށް ހާޒިރު ނުވުމުންނެވެ.
މައުމޫންގެ ހަތަރު ބޭފުޅުންގެ މައްޗަށް 2.1 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2017 ގައި ހުކުމްކުރީ އެ ހަތަރު ބޭފުޅުންގެ ނަމުގައި މާލޭގައި އޮތް ބިމެއްގައި ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ އިން ކުރި އިމާރާތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުންނެވެ.
މި މައްސަލައިގެ ހުކުމް ކޮށްފައިވާއިރު، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޣައްސާނާއި ފާރިސް ވާދަ ކުރައްވަން ވަނީ ނިންމަވައިފަ އެވެ.
ނަމަވެސް ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާ ނަމަ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީގައި ވަނީ ބަޔާން ކޮށްފަ އެވެ.
މިމައްސަލައިގަ ބައެއް ވަކީލުން ވިދާޅުވަނީ، މަޖިލީހަށް ކުރިމަތި ލުމުގެ ފުރުސަތު ބަންދު ކޮށްފައި ނުވުމާއި، އިސްތިއުނާފްގެ މަރުހަލާ ކުރިއަށް އޮތުމުން، މަޖިލިސް އިންތިހާބުގައި ވާދަކުރަން އަދި އެބޭފުޅުންނަށް ދޮރު ބަންދު ނުވާ ކަމަށެވެ.