ޚަބަރު

އެސްޓީއޯގެ ހޮޓަލަށް އިންވެސްޓުކުރަން 10 ފަރާތެއް ޝައުގުވެރިކަން ފާޅުކޮށްފައިވޭ : އެސްޓީއޯ

އަހުމަދު ޖައިޝަން

އެސްޓީއޯއިން ހުޅުމާލޭގައި ހަދާ ފައިވް ސްޓާގެ ހޮޓަލް ގަންނާނެ ބައެއް ނުވަތަ އިންވެސްޓަރުން ހޯދުމަށް އިއުލާނުކުރުމުން 10 ފަރާތެއް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށް އެކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ 10 ފަރާތެއް ޝައުގުވެރިކަން ފާޅުކުރިނަމަވެސް ހުރިހާ ލިޔެކިޔުންތަކެއް ހުށަހަޅާފައިވަނީ ފަސް ފަރާތެއް ކަމަށެވެ.

އެ ފަސް ފަރާތާއެކު މަޝްވަރާކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯއިން ބުނިގޮތުގައި އެ ފަސް ކުންފުނީގެ ތެރޭގައި ހަތަރު ކުންފުންޏަކީ ރާއްޖެއިން ބޭރު ކުންފުނިތަކެވެ.

އެސްޓީއޯގެ ފައިވް ސްޓާ ހޮޓަލަކީ 250 ކޮޓަރީގެ ހޮޓަލެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީ ހުރި އެ ހޮޓަލުގައި 194 ސްޓެންޑާޑް ކިންގް ސައިޒް ކޮޓަރިއާއި 24 ސްޓެންޑާޑް ޓްވިން ކޮޓަރީގެ އިތުރުން 27 ޑީލަކްސް ކޮޓަރި އަދި ފަސް ސްޓޫޑިއޯ ކޮޓަރި ހުންނާނެއެވެ.

ޖުމްލަ އަށް ބުރީގެ އިމާރާތުގައި 40 މީޓަރުގެ ޕޫލް އަކާއި ސްޕާ އަދި ޖިމެއްވެސް ހިމެނޭނެއެވެ.

އެ ހޮޓަލުގެ އިމާރާތްކުރުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އިމާރާތުގެ އިންޓީރިއާގެ މަސައްކަތް ކަމަށް އެސްޓީއޯއިން ބުނެއެވެ.