ޚަބަރު

ދިފްލާ އުޅުނީ ބަނޑުގައި ޖަހަން، މައްސަލަ ނެގުމަށް ބިރުދެއްކި: ހައިތަމްގެ އަނބިކަނބަލުން

އަލީ ޔާމިން

ފިރިމީހާ، މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމްގެ ކުރީގެ ދޮންދަރި ދިފްލާ ޖުނައިދު އުޅުނީ ބަނޑުގައި ޖަހަން ކަމަށާއި އެކަމަކު އޭނާ ނުޖަހާ ކަމަށް ހައިތަމްގެ މިހާރުގެ އަނބިކަނބަލުން ޝަޖާން މުއާޒް ވިދާޅުވެއްޖެ އެވެ.

ހައިތަމްގެ ދެކަނބަލުންނަށް ހައިތަމްގެ ކުރީގެ އަނބިކަނބަލުން ނަޖުމާ މޫސާ އާއި އޭނާގެ ދަރިފުޅު ދިފްލާ އިންޒާރުދިން ކަމަށް ބުނާ މައްސަލަ، ހައިތަމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅީ މިދިޔަ ޖޫން މަހު އެވެ. އެ މައްސަލައިގައި ނަޖުމާ އާއި ދިފްލާ އަށް ދައުވާކޮށްދޭން އެދި ފުލުހުންގެ ފަރާތުން މި މަހުގެ ތިނެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމުން އެ މައްސަލައިގައި ދައުވާކޮށްފައިވަނީ ދިފްލާގެ މައްސަލައިގައި އެކަންޏެވެ.

އެކަމާ ގުޅިގެން ޝަޖާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިފްލާ އޭނާގެ ބަނޑުގައި ޖަހާފައި ނުވާ ކަމަށާއި ނަމަވެސް ޖަހަން މަސައްކަތް ކުރި ކަމަށެވެ.

"އަހަރެން އަދިވެސް ހަނދާން ހުރޭ އޭނާގެ ފައިވާނުގެ ހީލް އަހަރެންގެ ބަނޑާ ދިމާލަށް އަންނަނިކޮށް ހައިތަމް އަހަރެން ފަހަތަށް ޖެއްސިކަން" ޝަޖާން ވިދާޅުވިއެެވެ. ޝަޖާން ވިދާޅުވީ، އެ ހާދިސާއަށް ފަހު ކުރިމަތިވި ބިރުވެރިކަމާއި ހާސްކަމުގެ ސަބަބުން ބަނޑަށް ދުވަސް ނުފުރާ ވިހަން ޖެހުމުން، ލިބުނު ކުދިންގެ ހާލަތު ގޯސްވި ކަމަށެވެ.

ޝަޖާން އިތުރަށް ވިދާޅުވީ، އެ މައްސަލަ ނެގުމަށް އެތައް ބިރެއް ދައްކާފައިވާ ކަމަށެވެ.

"އެ މީހުން (ނަޖުމާ އާއި ދިފްލާ)ގެ ސިޔާސީ ނުފޫޒާއި ފައިސާ ބޭނުންކޮށްގެން އަހަރެމެންނަށް ވަނީ ބިރުދައްކާ މަޖުބޫރުކޮށްފައި މި ކޭސް ނަގަން. މިއަދާ ހަމައަށްވެސް މަޑުން މިހުރީ. މިއަދާ ހަމައަށްވެސް ހުއްޓުމެއް ނެތް އިންޒާރުތައް ދަނީ ލިބެމުން" ޝަޖާން ވިދާޅުވިއެވެ.

ހައިތަމް އާއި އޭނާގެ އަނބިކަނބަލުންނާ ބަޔަކު ދިމާކޮށް، އިންޒާރުދީފައިވަނީ މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. ހައިތަމް މީގެ ކުރިން ވިދާޅުވީ އޭނާ އާއި އަނބިކަނބަލުން ގެއަށް ވަޑައިގަންނަވަނިކޮށް، އެ ގޭ ކައިރިން ފަސް މީހުންގެ ގްރޫޕަކުން ދިމާކޮށްލި ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން އެއް ބަޔަކު އެ ގޭގެ ލިފްޓު ތެރެއަށް އަރައި، އަޑުގަދަކޮށް، އިންޒާރުދިން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހައިތަމާއި ޝަޖާން ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާއާ ނަޖުމާ ވަނީ ވަރިވެފައެވެ.