ޚަބަރު

ހައިތަމްގެ ދެކަނބަލުންނަށް އިންޒާރު ދިން މައްސަލައިގައި ހައިތަމްގެ ދޮންދަރިފުޅަށް ދައުވާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމްގެ ދެކަނބަލުންނަށް މަގުމަތިން އިންޒާރު ދިން ކަމަށް ބުނާ މައްސަލައިގައި އޭނާގެ ދޮންދަރިފުޅަށް ދައުވާ އުފުލާފައިވާކަން "ވަން" އަށް އެނގިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ޔަގީންކޮށްދިން ގޮތުގައި އެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވައިފައެވެ.

އެމީހުންގެ ތަފުސީލެއް ހާމަނުކުރި ނަމަވެސް އެނގިފައިވާ ގޮތުގައި ދައުވާ ކުރަން ފޮނުވީ ހައިތަމްގެ ކުރީގެ އަނބިކަނބަލުން ނަޖުމާ މޫސާ އާއި ދޮންދަރިފުޅު ދިފްލާ ޖުނައިދަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ ހައިތަމްގެ ދެކަނބަލުންނަށް ހަމަލާދިން މައްސަލައިގައި ދައުވާ ކުރަނީ އެކެއްގެ މައްޗަށެވެ. އަދި އެ މައްސަލަ މިއަދު ހުޅުމާލެ ކޯޓަށް ވައްދާފައިވާ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެއީ ގެވެށި މައްސަލައެއް ކަމުން އެކަމުގެ ތަފުސީލެއް އޭނާ ނުދެއްވިއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ދައުވާ އުފުލާފައި ވަނީ ދިފްލާއަށެވެ. އަދި އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ސީސީޓީވީ ކެމެރާތަކަށް އަރާފައިވާ މަންޒަރުތައް ހެއްކެއްގެ ގޮތުގައި ބޭނުންކޮށްގެން ކަމަށް އެނގިފައިވެއެވެ.

ހައިތަމް އާއި އޭނާގެ އަނބިކަނބަލުންނާ ބަޔަކު ދިމާކޮށް، އިންޒާރުދީފައިވަނީ މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. ހައިތަމް މީގެ ކުރިން ވިދާޅުވީ އޭނާ އާއި އަނބިކަނބަލުން ގެއަށް ވަޑައިގަންނަވަނިކޮށް، އެ ގޭ ކައިރިން ފަސް މީހުންގެ ގްރޫޕަކުން ދިމާކޮށްލި ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން އެއް ބަޔަކު އެ ގޭގެ ލިފްޓު ތެރެއަށް އަރައި، އަޑުގަދަކޮށް، އިންޒާރުދިން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ހައިތަމާއި ޝަޖާން ކައިވެނި ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރުގެ ތެރޭގައެވެ. އޭގެ ކުރިން އޭނާއާ ނަޖުމާ ވަނީ ވަރިވެފައެވެ.