ރިފާ ހަލީލު
ދުނިޔޭގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމަށް އެކްސްޕޯ ތަކުގައި ވެސް މަސައްކަތް ކުރެވޭނެ ކަމަށާއި، ކޮވިޑް ޕެންޑަމިކުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ވަސީލަތްތައް ގާއިމުކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުބާއީ އެކްސްޕޯ 2020ގައި ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދުބާއީ އެކްސްޕޯ 2020ގެ ބޭނުން އެންމެފުރިހަމަ ގޮތުގައި ހިފުމަށާ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ކަމުގައިވާ ކާނާގެ ދަތިކަމާއި މާލީ ދަތިތައް ފަދަ މައްސަލަތައް ހައްލުކުރުމުގައި ދައްކާ ވާހަކަތަކަށްވުރެ އަމަލު ގިނަކުރުމަށް ރައީސް ސޯލިހުގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވި އެވެ. އަދި ދެމެހެއްޓެނިވި، ވިލުންތެރި އަދި ތިމާވެއްޓާ ރައްޓެހި މުސްތަގުބަލަކަށް ވާސިލުވުމަށް ޓަކައި ވަކީން ހާއްސަކޮށް ކޮވިޑް ޕެންޑަމިކުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ވަސީލަތްތައް ގާއިމުކުރުމަށް ގައުމުތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކިތަންމެ ގިނަ ގޮންޖެހުންތަކެއް ހުރިނަމަވެސް ދުބާއީ އެކްސްޕޯ އަށް 192 ގައުމެއް އެއްތަންކުރުމަކީ ޔޫއޭއީގެ ސަރުކާރުގެ ލީޑަޝިޕާއި ދުރުވިސްނުން ދައްކުވައިދޭ ހެއްކެއް ކަމަށެވެ.
ޔޫއޭއީ އަކީ ރާއްޖޭގެ ގާތް އެކުވެރިއެއްގެ އިތުރުން ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. އަދި ބައިނަލްއަގުވާމީ ބައެއް މައްސަލަތަކުގައި ދެ ގައުމުންވެސް ގިނަ ފަހަރަށް ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުމެއް ކަން ފާހަގަކުރައްވަމުން، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއާ ޔޫއޭއީއާ އޮންނަ މި ގުޅުން އެގޮތުގައި ކުރިޔަށްދިއުމަށް އެދިވަޑައިގަންނަވާ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ. ޔޫއޭއީގެ އިތުރުން ޖީސީސީ އާއި އެމްއީއެންއޭ އާއި ރާއްޖޭގެ ގުޅުންތައް ކުރިމަގުގައި އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންވާކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
އެކްސްޕޯގައި ރާއްޖެއަށް ހާއްސަކުރި ދުވަހު ބޭނުންކުރި 'ދޯނި" ކޮންސެޕްޓުގެ ތަފްސީލުދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދަށްވާއިރު ދޯންޏަކީ ދިވެހިންގެ ދިރިއުޅުމާ ލާމެހިފައިވާ އަދި ދިވެހިންގެ ދިރިއުޅުމާ ދިވެހިވަންތަކަމާއި ގުޅިފައިވާ އެއްޗެއްކަމަށެވެ. ހަމައެހެންމެ، އެކްސްޕޯގައި ލިބޭފުރުސަތުތަކާއި ރާއްޖޭގެ ޕެވިލިއަންގެ ބޭނުން ހިފާނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަރިކައާއި ސަގާފަތާއި އަދި ކުޑަޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކުރުމަށްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ވާހަކަފުޅުގައި، ކަމާބެހޭ ގުޅުންހުރި ސްޓޭކްހޯލްޑަރުންކަމުގައިވާ އިންޑަސްޓްރީ ފަންނުވެރިންނާއި ސިޔާސަތު ކަނޑައަޅާފަރާތްތަކާއި އިލްމީ ތަޖުރިބާކާރުންނާއި ސިވިލް ސޮސައިޓީ އެކްޓިވިސްޓުންފަދަ ފަރާތްތައް ޝައުގުވެރިކުރުމަށް ދުބާއީ އެކްސްޕޯފަދަ އެކްސްޕޯތައް އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވި އެވެ. އަދި މި ފަދަ އެކްސްޕޯތަކުގެ މައިގަނޑު ބޭނުމަކީ ދުނިޔެއަށް ކުރިމަތިވެފައިވާ މުހިންމު މައްސަލަތަކަށް އައު ހައްލު ހޯދުންކަން ފާހަގަކުރައްވައި އެކަމަށްޓަކައި މި އެކްސްޕޯއިން އެއްބަޔަކު އަނެއްބަޔަކު ބައްދަލުވެ ތައާރަފުވެ އެކުވެރިކަން ބަދަހިކުރުމަށް ލިބިފައިވާ މުހިންމު ފުރުސަތު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސ ސޯލިހުގެ ވާހަކަފުޅު ނިންމަވާލައްވަމުން މި އެކްސްޕޯއަކީ އެއްގައުމު އަނެއް ގައުމު މީހުންގެ ކިބައިން ކަންކަން އުނގެނި ދަސްކުރުމަށް ފުރުސަތު ފަހިވެފައިވާ އަދި ގުޅިގެން އުންމީދީ މުސްތަގުބަލަކާ ދިމާއަށް ދަތުރުކުރުމަށް ފުރުސަތު ތަނަވަސްވެފައިވާ ޕްލެޓްފޯމެއްކަން ފާހަގަކުރެއްވިއެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ޔޫއޭއީގެ ކެބިނެޓް މެންބަރު، މިނިސްޓާ އޮފް ޓޮލަރެންސް އެންޑް ކޯއެކްސިސްޓެންސް އަދި އެކްސްޕޯ 2020 ދުބާއީގެ ކޮމިޝަނާ ޖެނެރަލް، ހިޒް އެކްސެލެންސީ ޝެއިހް ނަހްޔާން މުބާރަކް އަލް ނަހްޔާން ބައިވެރިވެވަޑައިގެންނެވި އެވެ.