ޚަބަރު

އެއްބަސްވުމާއެއްގޮތަށް މޯލްޑިވިއަން އިން ޓިކެޓިން އެންޑް ރިޒަވޭޝަންގެ ކުލާސްތައް ފަށައިފި

ރިފާ ހަލީލު

ޓިކެޓިން އެންޑް ރިޒަވޭޝަން ދާއިރާއިން ތަމްރީނާއި ތަޖުރިބާ ދިނުމަށް ވިލާ ކޮލެޖާއެކު ގައުމީ އެއާލައިނުން ހެދި އެއްބަސްވުމާ އެއްގޮތަށް ކުލާސްތައް ފަށައިފި އެވެ.

ވިލާކޮލެޖާއެކު މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު އެވެ.

މޯލްޑިވިއަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވިލާ ކޮލެޖާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން މިއަދު ރިޒަވޭޝަން އެންޑް ޓިކެޓިން ކުލާސްތައް ފަށާފައިވާ ކަމަށެވެ.

މޯލްޑިވިއަނުން ބުނީ އެއްބަސްވުމަކީ އޭވިއޭޝަންގެ އެކި ދާއިރާތަކުން ކިޔަވަމުން އަންނަ ދަރިވަރުންގެ ހުނަރުތައް އިތުރުކޮށް، ޕްރޮފެޝަނަލް ތަމުރީނާއި އެކަމުގެ އިލްމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދޭނެ މަގުތަނަވަސްކޮށްދިނުމަށް ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ. މުސްތަގުބަލުގައި އެ ދަރިވަރުން ވެގެންދާނީ ރާއްޖޭގެ އެއާލައިންތަކުން ވަޒީފާތަކަށް ފުރުސަތު ލިބިގެންދާ ދަރިވަރުންގެ ގޮތުގައި ކަމަށްވެސް ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން މޯލްޑިވިއަނުން ބުނެފައިވަނީ އެ އެއާލައިންގެ އެންމެ މުހިންމު އެއް އަމާޒަކަށް ވާނީ އޭވިއޭޝަން ދާއިރާގެ އާންމު ތަމްރީނުތަކުގެ އިތުރުން ޓެކްނިކަލް މަސައްކަތަށް ބޭނުންވާ އިންޓާންޝިޕް ފުރުސަތުވެސް ފަހިކޮށްދިނުން ކަމަށާއި އެގޮތުން ދުރު މުސްތަގުބަލަށް ބަލައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ތަމްރީނު ލިބޭނެ މަގުފަހިކުރުމަށް އިންސްޓިޓިއުޝަންތަކާއެކު މަސައްކަތް ކުރާނެ ކަމަށެވެ.