އިތުބާރު ނެތްކަމަށް ފާސްކޮށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ލީޑާޝިޕް ބަދަލު ކުރުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދި ހުށަހަޅައިފި އެވެ.
ވިކްޓްރީ ސްޕޯޓސް ކުލަބްގެ އިސް ނެގުމާއެކު މި ހުށަހެޅުން އެފްއޭއެމް އަށް ހުށަހަޅާފައިވަނީ، ކޮންގްރެސްގައި ވޯޓުލެވޭ 24 ކުލަބުގެ ތެރެއިން 19 ކުލަބުގެ ތާއީދާ އެކުގަ އެވެ.
އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރުމަށް ހުށަހަޅާފައި މިވަނީ، އެފްއޭއެމް އާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި ދެމެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި، އެކްސްޓްރާ އޯޑިނަރީ ކޮންގުރެސް އެއް ބާއްވަން ތައްޔާރު ވަމުން އަންނަ ކަމުގެ ވާހަކަ އެސް މިނިސްޓަރު ވިދާޅުވެފައި ވަނިކޮށެވެ.
އެފްއޭއެމްގެ ލީޑާޝިޕް ބަދަލު ކުރަން ހުށަހެޅުމަށް މީގެ ކުރިންވެސް ބައެއް ކުލަބްތަކުން މަސައްކަތް ކޮށްފައިވެ އެވެ.
އެގޮތުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުުން އެ މަސައްކަތް ފެށި ނަމަވެސް، ކުޅުންތެރީންނަށް ދޭންޖެހޭ މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް އެފްއޭއެމުން ވަނީ ނިއުރޭޑިއަންޓް ސަސްޕެންޑު ކޮށްފަ އެވެ.
ނަމަވެސް ނިއުރޭޑިއަންޓުން ބުނެފައިވަނީ އެފްއޭއެމުން އެ ކުލަބު ސަސްޕެންޑް ކުރީ ފުޓްބޯޅަ އެސޯސިއޭޝަން ގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން އުޅޭތީ ޒާތީ ވެގެން ކަމަށެވެ.