ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލާ ދާއިރާތަކުގެ ތެރެއިން އެއްވެސް ދާއިރާއެއް އަދާލަތު ޕާޓީއަށް ދޫކޮށްލާނަމަ އެކަމާ މެދު ގޮތެއް ނިންމާނީ އެ ދާއިރާއަކަށް ހޮވާފައިވާ ކެނޑިޑޭޓުންނާއި އެ ދާއިރާގެ އެމްޑީޕީ މެންބަރުން ކަމަށް އެމްޑީޕީން ބުނެފި އެވެ.
އަދާލަތު ޕާޓީއަށް ހަ ދާއިރާއެއް ދޫކޮށްލައިގެން އިންތިހާބުގައި، ގުޅިގެން ކުރިއަށް ދިޔުމަށް ވަނީ އެޕާޓީން މީގެކުރީން ހުށަހަޅާފައެވެ. ނަމަވެސް އަދާލަތުން ހުށަހެޅި ހުރިހާ ދާއިރާތަކެއްވެސް ހިމެނޭ ގޮތަށް އެމްޑީޕީން ވަނީ މިދިޔަ ބުދަ ދުވަހު 86 ދާއިރާއެއްގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް އަށް ހުށަހަޅާފައެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން، މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ ކެނޑިޑޭޓުންގެ ކެމްޕެއިން ޓީމާއި އެ ދާއިރާއެއްގެ ރައްޔިތުންނާ މަޝްވަރާކޮށް ގޮތެއް ނިންމައިފި ނަމަ ޕާޓީން އެކަމަށް އިހްތިރާމް ކުރާނެ ކަމަށެވެ.
މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް އަދާލަތާއެކު ބަދަހިކަމާއެކު މަޝްވަރާތައް ކުރެވި އެކީގައި މަސައްކަތް ކުރާނެ ކަމަށް އަފްޝަން ފާހަގަކުރެއްވިއެވެ.
"ވަރަށް ގިނަ ކަންތައްތަކުގައި އަޅުގަނޑުމެނާ ހިޔާލު އެއްގޮތް. އަދި ހާއްސަކޮށް އިޖުތިމާއީ އަދުލު ގާއިމުކުރުންފަދަ ސިޔާސަތްތަކުގައި އަޅުގަނޑުމެންނާ ވަރަށް ބޮޑަށް ހިޔާލު އެއްގޮތް ޕާޓީއެއް ]އަދާލަތު ޕާޓީ[ އެއީ. އެހެންކަމުން ކުރިއަށް އޮތްތަނުގައިވެސް އުއްމީދަކީ އަދާލަތު ޕާޓީއާއެކު މަސައްކަތްކޮށް މަޖިލީހުގައި އެމްޑީޕީގެ އަޣުލަބިއްޔަތެއް ހޯދުން،" އަފްޝަން ވިދާޅުވިއެވެ.