ސަރުކާރުގެ އަމާޒަކީ އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގައި މިހާރު ކުރިއަށްދާ ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ޒުވާނުންގެ ދާއިރާއަށް ބަލާއިރު، އެންމެ ދުވަސްވީ މައްސަލައަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން އެކަމުން ސަލާމަތްކޮށް އަލުން އަނބުރާ މުޖުތަމައަށް ގެނައުމުގެ މައްސަލަ ކަމަށެވެ.
"ސަރުކާރުގެ އަމާޒަކީ އެމީހަކު ހުރި ރަށަކުން މަސްތުވާތަކެއްޗަށް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން. އެކަމަށްޓަކައި މުޖުތަމައުގައި ތިބެގެން، ފަރުވާ ހޯދޭނެ ވަށާޖެހޭ ޕްރޮގްރާމުތަކެއް ވަރަށް އަވަހަށް ފެށުމަށް މިއަންނަނީ މަސައްކަތް ކުރަމުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒުވާނުންގެ ކުރިއެރުމާއި ތަރައްގީއަށް ގާނޫނީ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަކީ ވެސް ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި ސަރުކާރުން މިހާރު ޑްރާފްޓުކޮށްފައިވާ "ޒުވާނުން ބިނާކުރުމާއި ހުނަރުވެރިކުރުމުގެ ބިލު"ގެ އެންމެ މުހިންމު މަގުސަދަކީ އިސްލާމް ދީނަށް ލޯބިކުރާ ދީނުގެ އަސާސްތަކަށް ހުރުމަތްތެރިކޮށް ހިތާ، އަދި ދިވެހި ގައުމިއްޔަތުގެ ސިފަތައް ލިބިގެންވާ ޒުވާނުންތަކެއް ބިނާކުރުން ކަމަށެވެ.
"މި ބިލުގެ އަނެއް އަމާޒަކީ ޒިންމާދާރު ހުނަރުވެރި ޒުވާން ރައްޔިތުންތަކެއް ބިނާކުރުން. ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް މަގު ދައްކައިދީ، ކުރިމަގުގެ ފުރުސަތުތަކަށް މަގުފަހުކޮށްދިނުމަކީ ވެސް މި ބިލުގެ ވަރަށް މުހިންމު މަގުސަދެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
އެ ބިލާ ގުޅޭގޮތުން ރައީސް އިތުރަށް ވިދާޅުވީ ބިލުގެ ސަބަބުން ގައުމު ކުރިއަރުވައި ރާއްޖެއަށް ޝަރަފާއި ފަހުރު ހޯދައި ދިނުމުގައި މިހާރަށްވުރެ ބޮޑަށް ޒުވާނުންގެ ބައިވެރިވުން ލިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.