ޚަބަރު

ފްލެޓަށް އެޕްލައިކުރަން މާދަމާ އޮންލައިން ޕޯޓަލް އެއް އިފްތިތާހް ކުރާނަން: ސްޓޭޓް މިނިސްޓަރު

އިބްރާހިމް ޒަކީ

2

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ޕްލެޓަށް އެދޭ ފަރާތްތަކަށް އޮންލައިން ޕޯޓަލް އަކުން މާދަމާ އެ ފުރުސަތު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނަޝީދު ރޭ ވިދާޅުވީ، އެއީ ދެފުއް ފެންނަ އިންސާވުރެވި ފަސޭހަ ނިޒާމަކުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުގެ ތެރެއިން ހަމަޖެހިގެންދާ ކަމެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ މާދަމާ އޮންލައިން ޕޯޓަލް ލޯންޗްކުރުމާއެކު ރައްޔިތުންނަށް އުފާވެރި ހަބަރުތަކެއް ލިބިގެންދާނެ ކަމަށެވެ.

އަދި އެކަމާބެހޭ އިތުރު ތަފްސީލް މިވަގުތު ދެއްވެން ނެތް ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އޮންލައިން ޕޯޓަލްގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ކޮންމެ ރައްޔިތަކަށްވެސް އޮންނާނެ ކަމަށާއި، ރެޖިސްޓްރީ ކުރުމަށްފަހު، އެމީހެއްގެ ޕްރޮފައިލް އެއަށް އަޕްޑޭޓް ކުރެވޭނެ ކަމަށެވެ.

"ރަޖިސްޓްރީ ކުރުމަށްފަހު، ކައިވެންޏާއި ދަރިންގެ އަދަދާއި ޕްރޮޕަޓީސްގެ މައުލޫމާތު އެއަށް އެޑް ކުރެވޭނެ. ދެން ސްކީމެއް އައުމަށްފަހު އެ ސްކީމަށް އެމީހާ ފެތޭތޯ އަމިއްލައަށްވެސް ބަލައިލެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ސަރުކާރު ގައި ހައުސިން މިނިސްޓްރީ ގައި ސިޔާސީ ނުފޫޒު އިންތިހާއަށް އޮތް ނަމަވެސް ރައީސް އިބްރާހިމް ސޯލިހުގެ ވެރިކަމުގައި އެ މިނިސްޓްރީ ގައި އެއްގޮތަކަށްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ ވުޒާރާގަ މިހާރު ތިއްބެވި ސިޔާސީ ބޭފުޅުންނަކީ ވަޒީރު، އަޅުގަނޑު ސްޓޭޓް މިނިސްޓަރު، ދެން 4 ޑިޕިއުޓީން، އޭގެ ބޭރުން ސިޔާސީ ބޭފުޅަކު ނެތް. ސިޔާސީ ނުފޫޒުގެ ކުލަވަރެއްވެސް ނެތް، އެފަދަ ކަމެއް އަޔަސް ފުރުސަތެއްވެސް ނުދޭނަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ފްލެޓްގެ ކަންކަން ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އުފައްދާފައިވާ ކޮމިޓީން އެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.

އަދި އެކަންތައްތަކާބެހޭގޮތުން މިނިސްޓްރީން ގޮތްތަކެއް ނިންމާނީ، އެ ކޮމިޓީން ބެލުންތައް ބަލައި ރައީސުލް ޖުމްހުރިއްޔާއަށް ރިޕޯޓް ހުށަހެޅުމުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟