ޝަހީދާ އަބްދުﷲ ސައީދު
އަންނަ އޭޕްރީލް މަހުގެ އެކަކުން ފެށިގެން މާލޭގައި ވިއްކާ އަގަށް، އަގު ހެޔޮކޮށް އަތޮޅުތަކުގެ ރަށްރަށުން ގާޑުގެ ބާވަތްތައް ގަންނަން ލިބޭނެ ކަަމަށް އެސްޓީއޯއިިން ބުނެފި އެވެ.
އެސްޓީއޯއިން މިއަދު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ މާލެއާ އެއް އަގެއްގައި ރަށްރަށުން ކާޑު ގަންނަން ލިބޭނެ އުސޫލެއް ކަނޑައަޅައި، ކޮންމެ ރަށެއްގައިވެސް ކާޑުގެ ބާވަތްތައް ވިއްކާނެ އެޖެންޓެއް ހޯދަން އިއުލާން ކުރާނެ ކަމަށެވެ.
އެގޮތުން ކާޑުގެ ބާވަތްތައް ވިއްކަން އެދޭ ވިޔަފާރިވެރިން، މާދަމާއިން ފެށިގެން ކޮންމެ ރަށެއްގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރައަށް ޕްރޮޕޯސަލް ހުށަހަޅުމަށް ހުޅުވާލާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ ކާޑުގެ ބާވަތްތައް ރަށްރަށަށް އުފުލުމުގައި ނާލަށް ނަގާވަރު އެނގޭނީ ޕްރޮޕޯސަލްތައް ހުށަހެޅުމުން ކަމަށެވެ.
އަމްރު ވިދާޅުވީ ކާޑު އުފުލުމަށް ނަގާ ނާލު އެސްޓީއޯއިން ދައްކާ ގޮތަށް ހަމަޖައްސާފައިވާކަމަށާއި އެގޮތަށް ހަމަޖެހުމުން ކާޑުގެ ބާވަތްތަކުން ނަގާ ނާލު، ބޮޑުވެގެން ކާޑުގެ އަގު ބޮޑުވާކަމަށް ބުނުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.
އެހެންކަމުން މާލެއާ އެއް އަގެއްގައި ރަށްރަށުގައި ކާޑުގެ ބާވަތްތައް ވިއްކަން މަޖުބޫރުވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކާޑު އުފުލުމަށް ނަގާ ނާލު އެސްޓީއޯ އިން ދައްކާގޮތަށް ނިންމީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނޫންކަމަށާއި އެގޮތަށް ހަމަޖެހިގެން ދިޔައީ އެސްޓީއޯގެ އެތެރޭގެ ހިންގުމަށް ގެނައި ބަދަލުތަކާއެކު ކަމަށެވެ.