އަންހެނުން ބާރުވެރިކުރެވޭނެ ގޮތްތައް ނެތި ގެނެވޭ ލާމަރުކަޒީ ނިޒާމަކީ ހަގީގީ ލާމަރުކަޒީ ނިޒާމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސިޓީ އަދި އަތޮޅު ކައުންސިލުތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ސޯލިހު ވިދާޅުވީ ގާނޫނުގައި ބަޔާންކުރާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ދައުރު އަދި ބާރުތައްވެސް މިހާރަށްވުރެ ހަރުދަނާ ކުރަން ޖެހޭ ކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"އެ ނޫން ގޮތަކަށް ތަރައްގީގައި އަންހެނުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެ މަސައްކަތްތައް ކުރުމަށްޓަކައި ލާމަރުކަޒީ ނިޒާމު ބަދަލުކުރަން ޖެހޭ ވާހަކަ މީގެ މާކުރީންވެސް ދައްކަވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ އަޅުގަނޑުމެންގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.