ބިސީތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސައްވުރު ކަމަށް ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް 36 މިލިއަން ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، އިންޑިއާ ސަރުކާރުން މި ދިން އެހީގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށް ތަަރައްގީކުރަން ރައީސް ސޯލިހު ގެންގުޅުއްވާ ތަސައްވުރާއި އަދި އަތޮޅުތައް ތަރައްގީކުރުމުގެ އިތުރުން ގޭބިސީތަކުގެ ނުވަތަ އާއިލާތަކުގެ އާމްދަނީ އިތުރުކުރުމުގެ ތައްސަވުރުވެސް ހާމަވެގެންދާ ކަމަށެވެ.
"ހާއްސަކޮށް އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމަށް ވަޒީފާތައް އިތުރުކުރުމާއި އިގުތިސޯދީ ހިންގުންތަކަށް ފުރުސަތު ދިނުމާއި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ހިތްވަރުދިނުމާއި މި ހުރިހާ ކަމެއްގެ ޒަރިއްޔާއިން ގޭބިސީތަކަށް ލިބޭ އާމްދަނީ އިތުރުކުރުމަކީ އެމަނިކުފާނުގެ (ރައީސް ސޯލިހުގެ) ތަސައްވުރު," މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުން ދިން ހިލޭ އެހީގައި ރާއްޖޭގައި އަށް މަޝްރޫއެއް ހިންގަން ނިންމާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ، އެ މަޝްރޫއުތަކުގެ ސަބަބުން ރަށްރަށާއި އަތޮޅު ކައުންސިލުތަކުގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިދިގެންދާނެ ކަމަށެވެ. އަދި އެ އަށް މަޝްރޫއުގެ އިތުރުން މަސްވެރިކަމާއި ފަތުރުވެރިކަންވެސް އަތޮޅުތަކުގައި ކުރިއަރުވަން 12 މަޝްރޫއެއް މިހާރުވެސް ހިންގަމުންދާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އިޖުތިމާއީ ފެންވަރުގައި މީހުން ބާރުވެރި ކުރުމަކީ ރާއްޖެއާއި އިންޑިއާއިން ގެންގުޅޭ ވިސްނުމެއް ކަމަށާއި އެގޮތުން އިންޑިއާގެ ހިލޭ އެހީގައި ހިންގާ މަޝްރޫއުތަކަކީ މުޖުތަމައެއް އިޖުމާއީ ފެންވަރުގައި ބިނާކޮށް ބާރުވެރިކުރުމުގެ އަޒުމުގައި ފެށި މަޝްރޫއުތަކެއް ކަމަށެވެ.