ރާއްޖޭގެ ތަރައްގީގެ މިސްރާބު މިހާރުން މިހާރަށް ބަދަލުކުރަން ޖެހިފައިވާ ކަމަށާއި އެހެން ނޫން ނަމަ 2050 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ އާބާދީގެ 60 ޕަސެންޓް ދިރިއުޅޭނީ ތޮއްޖެހިފައިވާ މާލޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކައުންސިލުތަކުގެ ގައުމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހާކަފުޅު ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ އެގޮތަށް ކަންތައް ކުރުމަކީ އެއްގޮތަކަށްވެސް ހެޔޮވާނެ ކަމެއް ނޫން ކަމަށެވެ.
އެއް ތަނެއްގައި ގިނަ ބަޔަކު ދިރިއުޅުމުގެ ސަބަބުން އިޖުތިމާއީ އެތައް މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"މާލެއަށް ދިމާވެފައިވާ ތޮއްޖެހުމާއި އިޖުތިމާއީ ގިނަ މައްސަލަތަކުގެ އަސްލަކީވެސް ވެރިކަން ކުރުމުގައި ޒަމާނުއްސުރެ ގެންގުޅުނު މަރުކަޒީ ވިސްނުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އެ ވިސްނުން ބަދަލުކޮށް ޖަޒީރާވަންތަ ރާއްޖެއެއް ހޯދައިދިނުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމުން ރައްޔިތުންނަށް ލިބޭން ޖެހޭ ހަގީގީ މަންފާ ހޯދައިދީގެން، މި މައްސަލައަށް ހައްލު ހޯދޭނެ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާބާދީ ތޮއް ޖެހުމާއި އެނޫން ވެސް އެފަދަ ގިނަ މައްސަލަތަކުގެ ހައްލަކީ، އެމީހަކު ހުރި ސިޓީއަކުން ނުވަތަ ރަށަކުން ބޭނުންވާ ޚިދުމަތްތައް ލިބުން ކަމަށާއި އެކަން ކުރެވެން އަންނަނީ ލާމަރުކަޒީ ގާނޫނަށް ވެސް އިސްލާހުތަކެއް ގެނެސްގެން ކަމަށެވެ. ހަގީގީ މާނައިގައި ލާމަރުކަޒީވާ އިރު، ކައުންސިލްތަކަށް މާލީ ބާރުވެރިކަން ވެސް ލިބެން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.