ސިޓީ އަދި އަތޮޅު ކައުންސިލުތަކުގެ އިސްވެރިން ބައިވެރިވާ ގައުމީ މަހާސިންތާ ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޝަރަފުވެރިކޮށްދެއްވި އެ މަހާސިންތާގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލުތަކުގެ ރައީސް އާއި ރަށު ކައުންސިލުތަކުގެ ރައީސް އަދި އަންހެނުންގެ ތަރައްގީގެ ކޮމިޓީގެ އިސް ފަރާތްތައް ބައިވެރިވެއެވެ.
އެއް ދުވަހަށް ކުރިއަށް ގެންދާ އެ މަހާސިންތާގެ މައިގަނޑު މަގުސަދަކީ ކައުންސިލުތައް ހިންގުމުގައި ހުރި މައްސަލަތަކާއި ލާމަރުކަޒީ ނިޒާމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންތައްތައްކާ ގުޅޭ ގޮތުން މަޝްވަރާކޮށް އެކަންތައްތައް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކަށް ދެނެގަތުމެވެ.
ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެންނަން ހުށަހަޅާ އިސްލާހުތަކާ މެދު މަހާސިންތާގެ ބައިވެރީންނާއެކު އެޓާނީ ޖެނެރަލްގެ އޮފީހުން މަޝްވަރާކުރުންވެސް އެ މަހާސިންތާގައި ކުރިއަށްދާނެއެވެ.
އެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކައުންސިލުތައް ހިންގުމުގެ ބޯޑު، ލޯކަލް ގަވާރންމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދަކީ ރައްޔިތުންނާ ގާތުން ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
އެ އަމާޒަށް ވާސިލުވުމަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު އެއް މަސައްކަތަކީ ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް އިސްލާހު ގެނައުން ކަމަށާއި މަހާސިންތާ ނިމިގެންދާއިރު އެ ނިޒާމަށް ހަރުދަނާކަން ގެނެސްދިނުމަށްޓަކައި މުހިއްމު ނަތީޖާތައް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ.