ރައްޔިތުން އެދެނީ ހަލުވި ދުވެލީގައި ތަރައްގީގެ އައްސޭރި އަތުލަން ކަމަށާއި، އިގްތިސާދީ ދުވެލި އަހަރުން އަހަރަށް މަތިވަމުން ދާއިރުވެސް، ތަރައްގީގެ ދުވެލި ބަރުހެލިވެގެން މިއުޅެނީ، މަރުކަޒީ އުސޫލު ދޫކޮށް، ލާމަރުކަޒީ ކުރަން ނުކެރިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ އެމަނިކުފާނުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން އެކަމަށް ތައްޔާރުވުމަށްޓަކައި މިއަދު ހެނދުނު ކުރިއަށްދިޔަ ސިޓީ އަދި އަތޮޅު ކައުންސިލްތަކުގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހޮޓެލް ޖެންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ކައުންސިލްތަކަށް ބާރުތައް ދޫކުރަން ތައްޔާރަށް އޮތް ކަމަށެވެ. އަދި މި ސަރުކާރުން ރަށްރަށުގެ ރައްޔިތުން އެދޭ ގޮތަށް، އެރަށެއްގެ ތަރައްގީގެ ޕްލޭން ކަނޑައަޅައި، ހިންގުމުގެ އިދާރީ އަދި މާލީ ބާރުވެރިކަން ދީގެން އެކަން ހާސިލުކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިއަދު ފެށި މަހާސިންތާ އަމާޒުކޮށްފައި ވަނީ، ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމުގައި، ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ އެކަންތައް ހައްލުކުރުމާ ގުޅޭ ގޮތުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ލާމަރުކަޒީ ގާނޫނު އިސްލާހުކުރާއިރު، މުޅިނިޒާމު އެކުގައި އިސްލާހުވެގެންދާ ފަދަ ގޮތަކަށް މަޝްވަރާކުރުމަށް މަހާސިންތާގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
އެގޮތުން އެމަނިކުފާނު ވަނީ މަހާސިންތާގައި މަޝްވަރާތައް ކުރަމުން އަންނަ އިރު ވަކިން ހާއްސަކޮށް ސިޓީ ކައުންސިލްތަކުގެ ރެޕްރެޒެންޓޭޝަންއާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެކިއެކި ފޯރަމްތަކުގައި ލާމާރުކަޒީ ނިޒާމާ ގުޅޭ ގޮތުން އެމަނިކުފާނަށް ކުރިމަތިވެފައިވާ ސުވާލުތައް ވިދާޅުވެދެއްވައި އެކަންތައްތަކާމެދު މަޝްވަރާކުރުމަށް އެދިވަޑައިގެންނެވިއެވެ.
ލާމަރުކަޒީ ކުރުމަކީ، ކައުންސިލްތަކެއް އުފައްދާފައި ކައުންސިލަރުންތަކެއް އިންތިޚާބުކުރުން އެކަންޏެއް ނޫންކަމަށާއި، އެ ކައުންސިލްތަކަށް އިދާރީ ބާރުވެރިކަމާއި މާލީ ބާރުވެރިކަން ދޭން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން ރަށްރަށުގެ މުނިސިޕަލް ޚިދުމަތްތަކުން ނަގާ ފީތަކަކީ، އެރަށްރަށުގެ އެފަދަ ޚިދުމަތްތައް ތަރައްގީކުރުމަށް ހޭދަކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.