ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހުގެ ވައުދުފުޅުގެ ދަށުން ބޮޑުފޮޅުދޫގައި އިމާރާތްކުރި މިސްކިތް ހުޅުއްވައިދެއްވައިފި

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅު ތަކުގެ ތެރެއިން، ބޮޑުފޮޅުދޫގައި އިމާރާތް ކުރި މިސްކިތް މިއަދު ހުޅުވައިދެއްވައިފިއެވެ.

ރައީސް ސޯލިހު އއ.އަތޮޅުުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ މިސްހިތް ހުޅުވައި ދެއްވީ މިއަދު މެންދުރު އެރަށަށް ވަޑައިގެންނެވެ.

މިސްކިތް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކު މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވީ އެ މިސްކިތަކީ ރައީސްގެ ވައުދުފުޅުގެ ދަށުން އިމާރާތް ކުރެވިގެންދިޔަ މިސްކިތެއް ކަމަށާއި މިއަދު އެ މިސްކިތް ހުޅުއްވައިދެއްވައި އެމަނިކުފާނު ވައުދުފުޅު ފުއްދަވައިފި ކަމަށެވެ. ވައުދުފުޅާ އެއްގޮތަށް

އެއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި، އެ މިސްކިތް އިމާރާތް ކުރަން ހަވާލުކުރި ފަރާތަށް ދިމާވި ބައެއް ކަންތައްތަކާހުރެ މިސްކިތް ހުޅުވުން ލަސްވި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިސްކިތް ބެލެހެއްޓުމަކީ ދީނުގައި ވަރަށް މުހިއްމުކަމެއް ދީފައިވާ ކަމެއް ކަމަށާއި މިސްކިތް އާބާދު ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ބޭރުފުށުން ރީތިވާ ފަދައިން އެތެރެފުށުން މިސްކިތް ރީތި ކުރަން ޖެހޭ ކަމަށާއި، އެތެރެ ފުށުން މިސްކިތް ރީތި ކުރުމަކީ، ގުރުއާން ކިޔެވުމާއި، ކުރުއާން ކުލާސްތައް މިސްކިތުގައި ކުރިއަށްގެންދިއުން ފަދަ ކަންކަންކުރުން ކަމަށްވެސް ވިދާޅުވިއެވެ.

މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އެއްވެސް ކަމެއް ނުކުރުމަށް ދީނުގައި އަންގަވާފައިވާ ކަން ވެސް މިނިސްޓަރު ހަނދާން ކޮށްދެއްވިއެވެ. އަދި ކުޑަކުދިން މިސްކިތަށް ދޯޅު ކުރުވައި އެކުދީންނަކީ ނަމާދުކުރާނެ ބަޔަކަށް ހެދުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވިއެވެ.