ޚަބަރު

ސައްހަނޫން ޖޮބް އޮފާ ލެޓާއެއް ތައްޔާރުކުރި މައްސަލައެއް ބަލަން ޖެހޭކަމަށް ހައި ކޯޓުން ހުކުމްކޮށްފި

މުހައްމަދު އިޝާން

ސައްހަ ނޫން ވަޒީފާ ލިބުނު ކަމުގެ ލިޔުމެއް އުފެއްދި މައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދަން ނިންމި ނިންމުން ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ވަނީ 2018 ވަނަ އަހަރު އެ ކޯޓަށް ހުށަހެޅުނު ގ. ގްރީންވިލާ އަލީ ޒައިންގެ މައްޗަށް ކުރާ ޝަހުޝު އޮޅުވާލުމުގެ ކުށުގެ ދައުވާ ނުބެލޭނެ ކަމަށް ހުކުމް ކޮށްފަ އެވެ. 2017 ވަނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު ޒައިން ވަނީ މަލަހިނި ކުޑަބަނޑޮސް ރިސޯޓުން އިންޓާންގެ ވަޒީފާ ހަމަޖެހިފައިވާ ކަމަށް ބުނެ، އެ ރިސޯޓުގެ އެސިސްޓެންޓު މެނޭޖަރުގެ އިލްކްޓްރޯނިކް ސޮޔާއި، ރިސޯޓުގެ ލެޓާހެޑް ބޭނުން ކޮށްގެން ސައްހަ ނޫން ވަޒީފާގެ އޮފާ ލެޓާ ތައްޔާރުކޮށް، ވީހާކް ކިޔާ ރެކްރޫޓިން އެޖެންސީއެއްގެ ދެ ކްލައިންޓުންނަށް ފޮނުވައި މަލަހިނި ކުޑަބަނޑޮސް ތަމްސީލުކޮށްފަ އެވެ.

ޒައިންގެ އެ އަމަލަކީ ގާނޫނުގައި ބަޔާންކޮށްފައިވާ އެނގިހުރެ ސައްހަ ނޫން ގޮތުގައި ލިޔުމެއް އުފެއްދުން އަދި ޝަހުޝު އޮޅުވާލުމުގެ ކުށަކަށް ވުމުން ޕްރެސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ އޭނާގެ މައްޗަށް ދައުވާކޮށް މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. ނަމަވެސް އެ ކޯޓުން ނިންމީ، އެ މައްސަލައިގެ ތަހުގީގަށް ޒައިން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނެގިއިރުގެ އޯޑިއޯ އަދި ވީޑިއޯ ކޮށްފައި ނެތުމުން ތަހުގީގު ކޮށްފައި ވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން ޒައިންގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. މައްސަލަ ބެލުމަށްފަހު ހައި ކޯޓުން ހުކުމްކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ގޯސް ކަމަށާއި، ޒައިންގެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ހައި ކޯޓުން އެގޮތަށް ހުކުމްކުރީ ހައްޔަރަށް ނުވާ ގޮތަށް ފުލުހުންގެ ތަހުގީގުގައި ސުވާލުކުރުމަށް އޮންނަ އިޖުރާއަތުގައި ވީޑިއޯ އަދި އޯޑިއޯ ކުރުމަށް ބަޔާންކޮށްފައި ނުވާތީ އެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންނަކީ، ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިން މަޒީދު އެވެ.