އަލީ ޔާމިން
ކަނޑުގައި ދުއްވާ އުޅަނދުތަކުން ދަތުރުކުރާ ފަރާތްތަކުގެ މެނިފެސްޓާއެކު ލައިފް ޖެކެޓު ބެހެއްޓުމާއި ޓްރެކިން ޑިވައިސް ހަރުކުރުން ފަދަ ސަލާމަތީ ގިނަ ފިޔަވަޅުތައް އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ފުރިހަމަ ކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އަންގައިފިއެވެ.
އެ އޮތޯރިޓީން މިރޭ ކުރި އިއުލާނެއްގައި ވަނީ ކަނޑު އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދުގެ ދަށުން ޖުމުލަ 11 ކަމެއް އަންނަ އަހަރުގެ ޖެނުއަރީ 16 ގެ ކުރިން ފުރިހަމަކުރަން އަންގައިފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދަކީ 28 ޑިސެންބަރު 2015 ގައި ގެޒެޓުގައި ޝާއިރުކޮށްފައިވާ ގަވާއިދެކެވެ. ނަމަވެސް އެކަން ތަންފީޒު ކުރުމުގެ މަސައްކަތްތަކެއް މީގެ ކުރިން ކޮށްފައެއް ނުވެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ އަންނަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެކަންކަން ފުރިހަމަކޮށްފައިނުވާ އުޅަނދުތަކަށް ދޫކޮށްފައިވާ ސީ ވާދިނަސް ސެޓްފިކެޓް ބާތިލުކުރެވޭނެ ކަމަށެވެ.
ޓްރާންސްޕޯޓުން ގަވާއިދުތަކަށް އަމަލުކުރަން ފަށައި، ފިޔަވަޅުތައް ހަރުކަށިކޮށްފައި މިވަނީ މިދިޔަ ހަފުތާގެ ތެރޭގައި އަދި މި ހަފުތާ ތެރޭގައިވެސް ކަނޑުމަތީގައި ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވާތީއެވެ.