ޚަބަރު

މުލިއާގޭ ކުރީގެ ޗީފް އޮފް ސްޓާފް މުސްތަފާ ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

މުލިއާގޭ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ ހައްޔަރުކޮށްފި އެވެ.

މިއަދުގެ ހަވީރުގެ ވަގުތެއްގައި މުސްތަފާ ހައްޔަރުކޮށްފައިވަނީ ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެންނެވެ

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މުސްތަފާ ހައްޔަރުކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މިއަދު ހަވީރު ހަތަރެއް ޖަހާކަން ހާއިރު އެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި މުސްތަފާ ހައްޔަރުކޮށްފައިވަނީ ފަތުރުވެރިކަމަށް ރަށެއް ދޫކުރުމުގައި ރިޝްވަތު ހިފުމުގެ އިތުރުން މަގާމުގެ ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ހެކީންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ އިތުރުން ހެކީންނަށް ބިރުދަންކަމުންދާ ކަމުގެ ތުހުމަތުގައެވެ.

މީގެ އިތުރުން ފުލުހުން ވަނީ މީގެ ކުރިން ސައުދީ އަރަބިއްޔާ ސަރުކާރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކޮށްފައިވާ ކާރެއް މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި ކަމަށް ބުނާ މައްސަލައެއް ވެސް ބަލައިފަ އެވެ. އެ މައްސަލައިގައި ވަކި ގޮތެއް ނިންމައިފައިވާކަން ޔަގީން ނުވި ނަމަވެސް އެ މައްސަލައަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ.

މުސްތަފާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.