އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދާ ބައްދަލު ކުރައްވައިފިއެވެ.
އެ ބައްދަލުވުމުގައި އިބޫގެ އިތުރުން އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހަމްދޫން ރަޝީދު އައްޔަންކުރެއްވީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ކުރިން އެ މަގާމުގައި ވަގުތީ ގޮތުން ހުންނެވީ އަބްދުﷲ ނަވާޒެވެ.
ފެބްރިއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް މަގާމުން ވަކިކޮށް، އެ މަގާމަށް އަހްމަދު ސައުދީ އައްޔަންކުރިއެވެ. ނަމަވެސް ފަހުން ރައީސް ޔާމީން ވަނީ ސައުދީ ވެސް މަގާމުން ވަކިކޮށް، އެކްޓިން ސީޕީގެ މަގާމަށް ނަވާޒް އައްޔަކޮށްފައެވެ.
ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހަމްދޫން އައްޔަން ކުރެއްވުމަށްފަހު، ނަވާޒް ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓްރަކަށް ބަދަލުކޮށްފައެވެ.