އިބްރާހިމް ޒަކީ
އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުސަތު މިރޭ 10:00 އާ ހަމައަށް އިތުރު ކޮށްފި އެވެ.
މަޖިލީހުގެ އިންތިހާބުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާއްމުކޮށް، މިއަދު ހަވީރު 03:00 ގެ ނިޔަލަށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލީ ހުސްވި ޖެނުއަރީމަހުގެ 29 އިން ފެށިގެންނެވެ.
ނަމަވެސް މިއަދު ކުރި ޓްވީޓެއްގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ޝަކުވާ ހުށަހެޅުމަށް މިހާރު އޮތް މުއްދަތު މިރޭ 10:00 އަށް އިތުރު ކޮށްފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ، ވޯޓިން ލިސްޓުގައިވާގޮތުން، ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި 264،589 މީހުންނަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވެ އެވެ.
އަދި މުޅިން އަލަށް 2336 މީހުން މި އިންތިހާބުގައި ވޯޓުލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގުލިބިގެންވާ މީހުންގެ އަދަދަކީ 262,135 އެވެ.