ޝަހީދާ އަބްދުﷲ ސައީދު
ފ. ފީއަލިން ޑެންގޫ ހުންޖެހިގެން ރޭ މާލެ ގެނައި ހަ ކުދީންގެ ތެރެއިން އެއްކުއްޖެއްގެ ހާލު ސީރިއަސްވެ، ރާއްޖޭން ބޭރަށް ފޮނުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
''ވަންއޮންލައިން' އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުފީދު ވިދާޅުވީ ޑެންގޫ ހުން ޖެހިގެން ރޭގެ އިރާކޮޅުގެ ވަގުތެއްގައި އައިޖީއެމްއެޗަށް ގެނައި ހަ ކުދިންގެ ތެރެއިން ދެ ކުއްޖަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައިވާ ކަމަށެވެ.
އަދި ތިން ކުއްޖަކަށް ވޯޓުގައި ފަރުވާ ދެމުން އަންނަ އިރު، އެއްކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި އައިސީޔޫގައި އޮތް ކުއްޖާގެ ހާލު ސީރިއަސް ކަމަށް މުފީދު ވިދާޅުވިއެވެ.
''ޑެންގޫ ޖެހިގެން ހަކުއްޖަކު ގެނައި. އޭގެ ތެރެއިން ދެކުދިންނަށް ފަރުވާ ދިނުމަށްފަހު މިހާރު ވާނީ ދޫކޮށްލާފައި. ތިން ކުއްޖަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުން. އަނެއް ކުއްޖާ އޮތީ އައިސީޔޫގައި. އެކުއްޖާގެ ހާލު ދެރަކަމަށް ޑޮކްޓަރުން ވިދާޅުވި. މިހާރު އަންނަނީ އެ ކުއްޖާ ބޭރަށް ފުރުވައިލުމުގެ މަސައްކަތް ކުރަމުން.'' މުފީދު ވިދާޅުވިއެވެ.
ފީއަލިން ޑެންގޫ ހުން ޖެހިގެން ހަ ކުދިން މާލެ ގެނެސްފައިވަނީ ރޭ 21:40 އެހާކަށްހާއިރު، ސީއެމްބިއުލެންސްގައެވެ.