އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުމުގެ ބައެއް މައުލޫމާތުތައް ހަތް ދުވަހުގެ ތެރޭގައި ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް މިއަދު އަންގައިފިއެވެ.
އެ މައުލޫމާތުތައް ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުމުން އެކަމަށް އިންކާރުކުރުމުން، އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހެޅީ "ދިޔަރެސް" ނޫހުގެ ފަރާތުން އަހުމަދު އަޒާނެވެ.
އެ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު ބޭއްވި އަޑުއެހުމެއްގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ، އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން ދިޔަރެސް ނޫހުން ހޯދަން އެދިފައިވާ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތު ކަމުގައި ޑިފެންސް މިނިސްޓްރީން ބުނި ނަމަވެސް، ބައިނަލްއަގުވާމީ ގޮތުން އެފަދަ ކަންކަމުގައި އަމަލުކުރާ އުސޫލުތަކަށް ބަލައި އިރު، އެއީ އެފަދަ މައުލޫމާތެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.
އަދި ލޯނުގެ އިންޓަރެސްޓް ރޭޓާއި އަނބުރާ ދައްކަންޖެހޭ މުއްދަތުގެ މައުލޫމާތު ހޯދަން އެދުމުން، އެ އެއްބަސްވުމަކީ ޑިފެންސް މިނިސްޓްރީން ވެފައިވާ އެއްބަސްވުމެއް ކަމުގައިނުވާތީ އެ ލޯނާ ގުޅޭ މައުލޫމާތު ނެތް ކަމަށް ޑިފެންސުން ބުނެފައިވާ ނުކުތާއަށްވެސް ކޮމިޝަނަރު ރައްދު ދެއްވިއެވެ.
އޭނާ ވިދާޅުވީ، ޑިފެންސްގެ އެ ޖަވާބަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ހިލާފަށް ދިން ޖަވާބެއް ކަމަށެވެ. އެގޮތުން އެ މައުލޫމާތު ޑިފެންސް މިނިސްޓްރީގައި ނެތްނަމަ އެ މައުލޫމާތު ބަލަހައްޓާ އިދާރާއަކުން ހޯދައި އެ މައުލޫމާތު ފޯރުކޮށްދިނުމަށް ގާނޫނުގައި ބުނާތީ، އެގޮތަށް އަމަލުކުރަން ޑިފެންސް މިނިސްޓްރީއަށް އެންގެވިއެވެ.
ލޯނާ ގުޅޭ މައުލޫމާތު ފިޔަވައި ދެން ހުރި މައުލޫމާތަކީ އެ މައުލޫމާތު ހާމަކުރުމުން ސިފައިންގެ ގާނޫނުގެ ދަށުން ކުށްވެރިވާނެ މައުލޫމާތު ކަމަށް ޑިފެންސް މިނިސްޓްރީން ބުނާ ނުކުތާއާ ގުޅިގެން، ކޮމިޝަނަރު ވިދާޅުވީ، އެ މައުލޫމާތަކީ އެ މައުލޫމާތު ހާމަކުރުމުން ގައުމީ ސަލާމަތަށް ނުރައްކާވާނެ މައުލޫމާތެއްކަން ޑިފެންސް މިނިސްޓްރީއަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.
އެހެންކަމުން ދިޔަރެސް ނޫހުން ހޯދަން އެދުނު މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތެއް ކަމުގައި ބެލެވެން ނެތް ކަމަށް ނިންމައި ހަތް ދުވަހުގެ ތެރޭގައި އެ މައުލޫމާތު ދިޔަރެސްއަށް ދިނުމަށްފަހު އެކަން ކޮމިޝަނާ ހިއްސާކުރުމަށް ޑިފެންސް މިނިސްޓްރީއަށް އެންގިއެވެ.