ދައުލަތުގެ ހަރަދުގައި ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމު، އާސަންދައިން މިއަހަރުގެ މިހާތަނަށް 1.1 ބިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރުމަށް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ހޭދަކުރީ 828 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ އަހަރަށްވުރެ މިއަހަރު 281 މިލިއަން ރުފިޔާ އިތުރަށް ވަނީ ހަރަދުކޮށްފައެވެ.
އާސަންދައިގެ އިތުރުން ސަބްސިޑީ އާއި އެހީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، ދައުލަތުން މިހާތަނަށް 22.6 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އަދި ހިލޭ އެހީގެ ގޮތުގައި 14.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް ކުރި ހޭދަތައް ވަނީ އިތުރުވެފައެވެ. ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާ އަށް 2.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، މިއަހަރުގެ މިހާތަނަށް 1.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ހަރަދު ކޮށްފައި ވަނީ 1.4 ބިލިއަން ރުފިޔާއެވެ.