ޚަބަރު

އިންކަމްޓެކްސް ނަގަނީ ހުރިހާ ހަރަދެއް ކޮށްފަ 60 ހާސްރުފިޔާ އޮންނަ މީހާގެ އަތުން، ރުފިޔާއަކުން ތިންލާރި: ރައީސް ނަޝީދު

އިބްރާހިމް ޒަކީ

ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން އެކުލަވާލާފައިވާ އިންކަމްޓެކްސްގެ ގާނޫނުން ޓެކްސް ނެގުމަށް ހަމަޖެހިފައިވަނީ، އެމީހަކު ކުރަންޖެހޭ ހުރިހާ ހަރަދެއް ކޮށްފައި އަތުގައި ފަސްދޮޅަށް ހާހުން މަތީގެ ފައިސާ ހުންނަ މީހުންގެ އަތުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

"އެއީ ކަރަންޓާއި ފެނާއި އެހެންގޮސް ހުރިހާ ހަރަދެއް ކަނޑައިފަ 60 ހާސް ރުރިޔާގެ އާމްދަނީއެއް އަތުގައި އޮންނަ މީހުންގެ އަތުން ނަގާ ޓެކްސްއެއް، އެ ޓެކްސް ނެގުުގެ ސަބަބުން އެފަރާތްތަކަށްވެސް މާބޮޑުތަނުން ފައިދާ ވާނެ އެއަށްވުރެ ބޮޑު އާމްދަނީ ލިބުމުގެ ފުރުސަތުވެސް ފަހިވާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ކުރިމަތިލާއިރު، އެޖެންޑާ19 ގެ ޕޯސްޓަރ އިވެންޓް ފައްޓަވައި ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ،

އިންކަަމްޓެކްސް ނެގޭނީ، އަންދާޒާ ކުރެވޭގޮތުގައި އެންމެ ހަހާސް މީހުން އަތުންކަމަށެވެ. އަދި އެ ޓެކްސް ނެގޭނީ ރުފިޔާއަކުން ތިންލާރި ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ގިނަ މެންބަރުންނަކީ މެދު އާމްދަނީއެއްލިބޭ ބައެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ހިފާއްޓަނީ އެމްޑީޕިގެ ފަލްސަފާ އާއި އެ ޕާޓީގެ މެންބަރުންނެވެ. އެހެންކަމުން އެމްޑީޕީއަށް ވޯޓުދޭ މެންބަރުންގެއަތުން އިންކަމްޓެކްސް ނެގިގެން ނުދާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އިންކަމްޓެކްސް އިން ނެގޭ ފައިސާ ބޭނުން ކުރެވޭނީ، ވަޒީފާނެތިގެން ވަޒީފާ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށާއި، ތައުލީމަށާއި ސިއްހީ ކަންތައްތަކަށާއި ބޯހިޔާވައިކަން ހޯދައި ދިނުމަށެވެ.

އިންކަމްޓެކްސް ނެގުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދު ފުޅެކެވެ.

އަންނަ އަހަރުން ފެށިގެން، އިންކަމް ޓެކްސް ނަގަން ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށުމުގެ ޖަލްސާއަށް ރިޔާސީ ބަޔާން ހުށަހަޅުއްވަމުން ވިދާޅުވެފަ އެވެ.