ޚަބަރު

އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުންވެސް އެމްޑީޕީގެ ފަހަތަށް އެރުމަށް ރައީސް ނަޝީދު ގޮވާލައްްވައިފި

އިބްރާހިމް ޒަކީ

8

ޕާޓީއަކަށް ނިސްބަތްވި ނަމަވެސް އެމްޑީޕީގެ ފަލްސަފާ ގަބޫލު ކުރެވޭހިނދު އެހެން ގައުމިއްޔަތެއް ބިނާ ކުރުމަށް ހުރިހާ ރައްޔިތުން ވެސް އެމްޑީޕީގެ ފަހަތަށް އަރާވަޑައިގަތުމަށް އެމްޑީޕީގެ ރައީސް ކުރީގެރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝިދު އެކަމަށް ގޮވާލެއްވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ މެންބަރުންގެ ޕޯސްޓަރު އިވެންޓު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރިއަށް އޮތް 19ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް "އެޖެންޑާ 19"ގެ ނަމުގައި އެމްޑީޕީން އެކުލަވައިލަައިފައިވާ ގާނޫނުތަކުގެ ޑްރާފްޓްތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، "އެޖެންޑާ 19"އިން ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ފަރުވާ ލިބިގެންދާނެ ކަމަށެވެ.

އެގޮތުން ބޯހިޔާވަހިކަމުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ހިދުމަތްތައް ހަމަޖެހިގެން ދިއުމުގެ އިތުރުން ރާއްްޖޭގެ ލާމަރުކަޒީ ނިޒާމާއި ޝަރުއީ ނިޒާމް އިސްލާހް ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ރައިސް ނަޝީދު ފާހަގަ ކުރެއްވި ގޮތުގައި "އެޖެންޑާ 19" ކާމިޔާބު ކުރެއްވުމަށް އެންމެހާ ރައްޔިތުން އެމްޑީޕީގެ ފަހަތަށް އެރުމަކީ މުހިއްމު ކަމެކެވެ.

އެހެންކަމުން ހަސަދަވެރިކަމާއި، ފިތުނަ ވެރިކަމާއި ހިލާފު އުފެއްދުން ދޫކޮށްލެއްވުމަށްފަހު ހުރިހާ ރައްޔިތުން "އެޖެންޑާ 19"އަށް ވޯޓު ދެއްވުމަށް އެމަނިކުފާނު ގޮވައިލެއްވި އެވެ.

"ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން، ބޭފުޅުން، ރާއްޖޭގެ ރައްޔިތުން، އަދި ޕާޓީއަކަށް ނިސްބަތްވީނަމަވެސް ތިބޭފުޅުންނަށް މި ފަލްސަފާ، މި އުސޫލުތައް، މި ގާނޫނީ އޮނިގަނޑުތައް ގަބޫލު ކުރެވޭހިނދު މީގެ ފަހަތަށް އަރާވަޑައި ނުގަންނަވަންވީ އެއްވެސް ސަބަބެއް ނެތެއްނޫންތޯ؟ ހަސަދަވެރިކަމާއި ފިތުނަވެރިކަމާއި، ހިލާފު އުފެއްދުން ދޫކޮށްލައްވާފަ ވަޑައިގަންނަވާ، މުޅިން އެހެން ގައުމިއްޔަތެއް ހޯއްދަވަން ގައުމު ތަރައްގީ ކުރެއްވުމަށް އެޖެންޑާ 19އަށް ވޯޓު ދެއްވާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟