ޓެލެގްރާމާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމުތަކުގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ، ޝަރީއަތް ނިމެންދެން ބަންދުކުރަން ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ގިނަ ބައެއްގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލީކުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މއ. އިސްޕަންޖުގޭ މުހައްމަދު މަސާއިދު ބިން ސަމީއު، 36، އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 18 ވަނަ ދުވަހު އެވެ.
އޭނާގެ ބަންދު މުއްދަތު އެންމެ ފަހުން އިތުރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައިވެސް ޝަރީއަތް ނިމެންދެން ބަންދު ކޮށްދިނުމަށް ޕީޖީން އެދުނެވެ. ނަމަވެސް ކޯޓުން އޭނާގެ ބަންދަށް ޖެހީ 15 ދުވަހެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ.
މަސާއިދުގެ މައްޗަށް 11 ދައުވާއެއް ވަނީ ކޮށްފައެވެ. އެއީ އެކި ދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެން އެކައުންޓުތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެ މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލައިގައެވެ.
މަސާއިދުގެ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން ވަނީ އޭނާގެ އޮފީހުގައި އޮތް ދެ ޓީބީގެ ހާޑް ޑްރައިވަކުން މިލިއަނެއްހާ ފޮޓޯ އާއި ޕާސަނަލް ފައިލްތައް ހޯދައިފައެވެ. އޭނާގެ މައްޗަށް ކުރަނީ ސައިބާ ކްރައިމްގެ ތުހުމަތެވެ.