ޚަބަރު

ކިނޮޅަހު ބަނދަރުގެ ނެރު ފުންކޮށް އުޅަނދުފަހަރަށް ވަދެވޭނެ ގޮތް ހަދައިފި

އައިޝަތު ނިއުޝާ

ރ. ކިނޮޅަހު ބަނދަރަށް އުޅަނދު ފަހަރަށް ވަދެ ނުކުމެވޭ ވަރަށް ނެރު ފުންކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ކިނޮޅަހު ބަނދަރަށް އުޅަނދު ފަހަރަށް ވަދެ ނުކުމެވޭ ވަރަށް ނެރު ފުންކުރުމުގެ މަސައްކަތް މިހާރު ކުރެވިފައިވާ ކަމަށާއި އަދިވެސް އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކިނޮޅަހު ނެރުމައްޗަށް ފަސް އަރައި، ބަނދަރުން އޮޑިދޯނިފަހަރު ނުކުތުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

ކިނޮޅަސް ބަނދަރަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަޝްރޫއުގެ ޑިޒައިން މަސައްކަތް ނިންމައި ހައްލުކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެވާޅުމަށް ފުރަތަމަ ހުޅުވާލީ މިއަހަރުގެ މާޗު މަހުގެ ތެރޭގެވެ. ނަމަވެސް ކައުންސިލުން ޑިޒައިނަށް އިތުރު ބަދަލު ގެނައުމަށް އެދުމުން، އެ ބަދަލުތަކާއެކު ޖުލައި މަހުގެ ތެރޭގައި އަލުން ބީލަމަށް ހުޅުވާލިއެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކަށް ބީލަން ހުށަހަޅާފައި ނުވުމުން، ޑައިރެކްޓް އެވޯޑުގެ އުސޫލުގެ ދަށުން ބިޑަށް ހުޅުވާލުމެއް ނެތި އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ކިނޮޅަހު ބަނދަރު މައްސަލައިގައި މިދިޔަ ބުދަ ދުވަހު އެރަށުގެ ރައްޔިތުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.