މުހައްމަދު އައުޒަމް
ދެ ސައިކަލެއް ޖެހި ސެނެހިޔާ ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
"ވަން އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ދެ ފިރިހެނުންނަށާއި ދެ އަންހެނުންނަށެވެ.
އަނިޔާވި މީހުންގެ ތެރެއިން ދެ ފިރިހެނުންނަށާއި އަންހެނަކަށް ސެނެހިޔާގައި ފަރުވާދެމުންދާ އިރު، ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާ، އޭޑީކޭއަށް ގެންގޮސްފައެވެ. ދެ އަންހެނުންގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އަނިޔާވި ދެ ފިރިހެނުންގެ ތެރެއިން އެއް ފިރިހެނެއްގެ ފައިގެ އިނގިއްޔަކަށް އަނިޔާވި އިރު، އަނެއް މީހާއަށް ބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ.
އެ އެކްސިޑެންޓު ހިނގާފައިވަނީ އުތުރުން ދެކުނަށް ދިޔަ ސައިކަލު ބުރުޒު މަގަށް އަޅަނިކޮށް ދެކުނުން އުތުރަށް ދުއްވި ސައިކަލު ޖެހިގެންނެވެ. ބުރުޒު މަގަށް އަޅަން ދިޔަ ސައިކަލު ސިގްނަލް ނުދީ ގޯޅި އަޅަން އުޅުނީ ކަމަށް މައުލޫމާތު ލިބެއެވެ.